ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ ނުކުރައްވާނެކަމެއް ކަމަށާއި ބަދަލުހިފުމުގެ ރޫޙު ނުގެންގުޅޭނެކަމަށްވީ ވަޢުދާއި އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށް ވެ ވަޑައިގެންނެވި ވައުދާ އެއްގޮތަށް މިހާރު ވެސް ކުރިއަށް ވަޑައިގަންނަވާ ކަމަށެވެ. ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް، އަދަބު ދިނުމަކީ އެ މަނިކުފާނު ނުކުރައްވާނެ ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ގައުމަށް ހަމަޖެހުން އަންނަން ޖެހޭ. އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާ އެއްގޮތަށް އަޅުގަނޑުގެ ބަހާއި އަމަލު ސީދާ ކުރާނަން. ނަމަވެސް ގާނޫނުގެ ވެރިކަން ކަށަވަރު ކުރާނަން. އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރާނަން،
ރައީސް މުއިއްޒު ވިދާޅުވި އެވެ.
ގައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި ރައީސްކަމުގެ މަގާމުގެ ހުވާ އެ މަނިކުފާނު ކުރެއްވި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން އަންނަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ހަމަ އެއާ އެކު، ޝަރުއީ ދާއިރާ އަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން. އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެ ނަމަ ވަގުތުން ފިޔަވަޅު ވެސް އަޅުގަނޑު އަޅާނަން.
ރައީސް ވިދާޅުވީ، ޝަރުޢީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުޞަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތަށް ޤާނޫނީގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް އެމަނިކުފާނު ވަޢުދުވީ ފަދައިން، ރައްޔިތުންގެ މަޖްލީހަށް ސަރުކާރުން ހުށަހަޅާނެ ކަމުގައެވެ. އަދި މި ބިލުގެ އިތުރުން މި ފެށޭ މަޖްލީހުގެ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބައެއް ބިލް ތަކުގެ ތަފްސީލު ރައީސް ދެއްވިއެވެ.
އޭގެ ތެރޭގައި، ކަފާލާތުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާ ބިލާއި، ޕްރިވެންޓިވް ހެލްތް ކެއަރ ބިލާއި، ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލް އަދި ގެދޮރުވެރިކަމުގެ މިންގަނޑުތަކާބެހޭ ބިލް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުންވެސް ޓްރެވެލް އެޖެންސީއާބެހޭ ބިލާއި ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލާއި އަރބަން ޕްލޭނިންގއާ ބެހޭ ބިލް އަދި އަރބަން ޑިވެލޮޕްމަންޓާއި ބެހޭ ބިލް ވެސް ހިމެނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ޝަރުއީ ދާއިރާ އަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.