ހުރިހާ ސިޓީތަކެއްގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދައި އެނޫން ރަށްރަށުގެ ބޮޑެތި މަގުތައް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ ސިޓީތަކެއްގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދައި އެނޫން ރަށްރަށުގެ ބޮޑެތި މަގުތައް ހެދުމުގެ އިތުރުން މާލޭގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށެވެ.
"މި މަޝްރޫޢަށް ހިނގާނެ ޚަރަދުގެ ބޮޑުބައި، ޗައިނާގެ ހިލޭއެހީގެ ދަށުން ހަމަޖެހިގެންދާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންތިޚާބުތަކާ ދިމާކޮށް ކަޑަޖަހާ އުސޫލުން، ވޯޓު ހޯދަން ދަޅަދައްކާ އުސޫލުން، ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކެއް ރަށްރަށުގައި ފަށާފައި ހުރިކަން ފާހަގަ ކުރެވޭ ކަމަށާއި އެފަދަ ގިނަ މަސައްކަތްތައް ވަނީ ވަކި ހިސާބަކުން ހުއްޓިފައި ކަމަށެވެ. މަގުހަދަން، ނޫނީ ނަރުދަމާގެ ޚިދުމަތްދޭން ކޮނުނު ތަންތަން އެގޮތަށް ހުންނަތާ އެތައް އަހަރެއްވެ، މަސައްކަތްތަކަށް ގެނައި އާލާތްތަކާއި ތަކެތި ހަލާކުވެ، މުޅި ދައުލަތަށާއި ރައްޔިތުންނަށް އެކަމުގެ ގެއްލުމާއި ތުރާ ލިބެމުންދާ މަޝްރޫޢުތައް މަދެއްނޫން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި މި ގޮތަށް ގާވެފައި ހުރި މަޝްރޫޢުތަކަށް ބަލައި، ރައްޔިތުން އެދޭގޮތަށް އެ މަޝްރޫޢުތައް އަލުން ހިންގައިދޭން މިހާރު މިދަނީ ފަށަމުން. މިފަދަ އެތައް މަސައްކަތެއް ރަށްރަށުގައި ކުރަން އެބަހުރި ކަމަށާއި ފެނުގެ ޚިދުމަތް ރަނގަޅަށް ދެވޭ އޮތީ އެންމެ 66 ރަށް. ނަރުދަމާގެ ޚިދުމަތް ރަނގަޅަށް ޤާއިމުވެފައި އޮތީ 101 ރަށުގައި ކަން ފާހަގަ ކުރެއްވި އެވެ.
"ބާކީ ހުރި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް މި ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ނިންމައިދޭނަން. އަދި ހުރިހާ ރަށެއްގައި އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި ބަނދަރު ހަދައި ނިންމައިދޭނަން. އަޅުގަނޑުމެން ވަޢުދުވީ ފަދައިން "
ރައީސް ވިދާޅުވީ ކައުންސިލްތަކުން ހިންގާ ޚާއްޞަ މަޝްރޫޢުތަކެއްގެ ގޮތުގައި ކުނި ނައްތައިލުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ. މި އަހަރު 56 ރަށެއްގައި އާ ކުނިކޮށި އަޅައި ދެވެނޭ. 16 ރަށެއްގައި ކުނިކޮށި އަޕްގްރޭޑްކޮށް ދެވޭނެ ކަމަށާއި 93 ރަށަކަށް ކަލެކްޝަން ވެހިކަލް ހޯދައިދެވޭނެ ކަމަށް ވިދާޅުވި އެވެ.