މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އަބްދުﷲ ޖާބިރު ވަކިކޮށް ކުރިއަށް އޮތް މަޖިލިސްގެ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމައިފިއެވެ.
މިހާރު ވެސް ކާށިދޫ ދާއިރާގެމެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީން މިއަދު ވަކިކޮށް އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާ ކާމިޔާބުކުރެއްވި ޖާބިރު، އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ،މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާ ކަމަށެވެ.
މި ކަމަކީ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތަށް އުނިކަންލިބޭ ފަދަ އަމަލެއްކަމުގައިވާތީ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު ޖާބިރު މަޖިލިސްގެ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އަދި ހޯމަ ދުވަހުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
ޖާބިރު އެމްޑީޕީއާ އަލުން ގުޅެން އެދިވަޑައިގަތަސް، އެ ފުރުސަތު ލިބޭނީ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހަޅައި އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށް އެ ބަޔާނުގައިވެ އެވެ.
ޕާޓީއާ ގުޅުމުގެ ފުރުސަތު ޖާބިރަށް އަލުން ދިނަސް، އެ ޕާޓީގެ މެންބަރަކަށްވާ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަކުރުމުގެ ފުރުސަތު އޭނާ އަށް ނުލިބޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ޖާބިރު އެމްޑީޕީން ވަކިކުރި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން އިއްވުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާ އެ ޕާޓީން ބޮއިކޮޓްކޮށްފައި ވަނިކޮށް އޭނާ ވަނީ ޖަލްސާ އަށް ވެސް ވަޑައިގެންފަ އެވެ.