ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހްމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މަޖިލީހުގެ ރައީސާއި ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ޕީޕީއެމް/ޕީއެންސީންނެވެ. އެ މައްސަލަ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅީ 23 މެންބަރުންގެ ސޮޔާއެކުގަ އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމް/ޕީއެންސީގެ އިތުރުން އެމްޑީއޭ އަދި އަމިއްލަ ބައެއް މެންބަރުންގެވެސް ސޮޔާއެކުގަ އެވެ. މި މައްސަލައިގެ ނޯޓިސްވެސް މަޖިލީހުގެ އިދާރާއިން ވަނީ އެ ދެބޭފުޅުންނަށް ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކުގައެވެ. އެހެންކަމުން މިހާރު ތިބި މެންބަރުންގެ އަދަދަށްބަލާއިރު މި މައްސަލަ ހުށަހެޅުމަށް ބޭނުންވަނީ 22 މެންބަރުންގެ ސޮޔެވެ.
މި މައްސަލަ ކުރިއަށް ނުގެންދަން ނިންމަވާފައިވާކަން ހާމަކުރައްވައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު އެ މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވަނީ ކަމަށެވެ. އަދި އެކަން މިހާރު މަޖިލީހަށް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
+1
+1
+1
+1
2
+1
+1