ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:26 ހާއިރު ކަމަށާއި މި މައްސަލަގައި 1.8 މިލިއަން ރުފިޔާ މޯލްޑިވްސް އިސްލާމިކް ބޭންކުންގެ އެކައުންޓުން އެ މީހުން ނަގާފައިވާ ކަމަށެވެ.
މި މައްސަލަ ހުށަހެޅުމާއި އެކު ވަގުތުން އެ މައްސަލަ ތަހުގީގު ކުރަން ފެށިކަމަށާއި މި މައްސަލައިގައި ތުހުމަތު ކުރުވޭ ހަތަރުމީހުން ހޯދިފައިވާކަމަށާއި އޭގެ ތެރޭގައި 26 އަހަރުގެ އަންހެނަކާއި ފިރިހެނެއްގެ އިތުރުން 23 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ކުޑަކުއްޖެއްވެސް ހިމެނޭ ކަމަށް ޕޮލިހުން ބުނެއެވެ.
އެ މީހާގެ އެކައުންޓުން ފައިސާ ފޭރުނީ އޭނާގެ ފޯނު ކޮމްޕްރޮމައިޒް ކުރުމަށް ފަހު އޭނާގެ ބޭންކް އެކައުންޓުން 1.8 މިލިއަން ރުފިޔާ ނަގާފައިވާކަމަށް ޕޮލިހުން ބުނެއެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މިދިޔަ މަހު ފެންމަތިވި އެ މައްސަލައިގެ ތުހުމަތު ހަތަރު މީހަކަށް ކުރެވޭ ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކަކީ ކުށުގެ ރިކޯޑް އޮތް މީހެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ގެއްލުނު ފައިސާގެ 80 ޕަސެންޓް، މައްސަލަ ހުށަހެޅިތާ 48 ގަޑިއިރު ތެރޭ ރިކަވާކޮށްފައިވާ ކަމަށާއި އެއީ 1.6 މިލިއަން ރުފިޔާ ކަމަށެވެ. މީގެ ތެރޭގައި، ތުހުމަތުކުރެވޭ މީހުންގެ އެކައުންޓްގައި ހުރި ފައިސާ އާއި ކޭޝްކޮށް ނަގާފައި ހުރި ފައިސާ އަދި އެ ފައިސާ ބޭނުންކޮށްގެ ގަނެފައިވާ ތަކެތި ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ފައިސާ ފޭރުނު މީހުން އެކައުންޓު ވެރި ފަރާތަށް އަންނަ އޯޑީޕީ ހޯދާފައިވަނީ އޭނާ ގެންގުޅޭ ފޯނު ކޮމްޕްރޮމައިޒްކޮށްގެން ކަމަށެވެ. އެކަން ކޮށްފައި ވަނީ ނުވަ ދުވަސް މަތިން ކަމަށާއި އޯޑީޕީ ހޯދުމަށް އެ މީހުން މަސައްކަތް ކުރަނީ އެކައުންޓްވެރިފަރާތް ނަމާދަށް އަރާ ގަޑީގައި ކަމަށް ފުލުހުން ބުނެ އެވެ.
މީގެ ތެރޭގައި ދޫނި ފަދަތަކެތި ގަތުމަށް 47870 ރުފިޔާ ބޭނުން ކޮށްފާވާއިރު 43700 ރުފިޔާ އިލްކްޓޯނިކް ގަތުމަށް އެ މީހުން ބޭނުން ކޮށްފައިވާކަމަށް ޕޮލިހުން ބުނެއެވެ.