ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތް ބަޔާންކުރާ މާއްދާތަކަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް މަޖިލީހުގެ ގަވާއިދުން އެ މާއްދާތައް އުނިކޮށް އެ ވާހަކަތައް މަޖިލީހުގެ ގަވާއިދުގެ އެހެން މާއްދާއެއްގައި ހިމަނަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގައި ވޯޓުގައި ބައިވެރިވި 30 މެމްބަރުންގެ އިއްތިފާގުން ފާސްކުރި ރިޕޯޓުގައި ވަނީ މަޖިލިސް ގަވައިދުގެ 49 ވަނަ މާއްދާގެ (ކ)، (އ)، އަދި (ވ) އުނިކޮށް އެ ގަވައިދަށް 1-242 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން ބަޔާން ކުރަނީ މަޖިލީހުގެ ގަވައިދުގެ 41 ވަނަ ބާބުގަ އެވެ. އެގޮތުން ގަވައިދުގެ 202 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުގައި ހުންނަ ބޭފުޅަކަށް ބަޔާން ކުރާ ހާލަތްތައް މެދުވެރިވުމުން މަގާމުން ވަކި ކުރެވޭނެ އެވެ. މީގެތެރެއިން މައްސަލަ ޖެހިފައި ވަނީ، ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި ”މަޖިލީހުގެ ޖުމްލަ މެމްބަރުން“ މަނާ ކުރި ގޮތުގެ މައްޗަށެވެ. ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅީ އެ މާއްދާތައް ބާތިލު ކުރުމަށެވެ.
އަލުން ކޮމިޓީން ގެނައި ބަދަލަކީ، އެ މާއްދާތައް ގަވައިދުން އުނިކޮށް 242 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށެވެ.
މަޖިލީހުން ގަވައިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށް ނިންމާފައިވާ ގޮތަކީ، ”ގާނޫނުއަސާސީގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލިސްގެ ކުރިޔަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލިސްގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ހުސްވި ގޮނޑިއެއް ނުހިމެނޭނެ“ ކަމަށެވެ.
އެ މާއްދާގެ ފަހަތަށް އިތުރު ކުރާ (ށ) ގައި ވަނީ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މަޖިލިސްގެ ޖުމްލަ މެމްބަރުންގެ އަދަދަށް އަންނަ ބަދަލު އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި އެކަން ރިޔާސަތުން އިއުލާނު ކުރަންވާނެ ކަމަށެވެ.