ގދ. މަޑަވެލީގެ ބިމުގެ ދަތިކަން ހުރުމުން ރައްޔިތުންނަށް ބިން ހިއްކައިދެއްވާނެ ކަމަށާއި އަދި ފެންވަރު ރަނގަޅު ބަނދަރެއް އެރަށުގައި ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެ ރަށުގެ ބިން ފުރިފައި އޮތުމާއެކު ބިން އިތުރު ކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ 2006 ވަނަ އަހަރުން ފެށިގެން، ނޫނީ 2004 ވަނަ އަހަރުން ފެށިގެން މަޑަވެލިން ގޯތި ދެވިފައި ނުވާއިރު 300 އެތައް ޢާއިލާއެއް ގެދޮރު ނެތިފައި އެބަތިބި ކަމަށެވެ. އެހެންކަމުން އެރަށުން، ބިން ހިއްކުމަކީ، އަސާސީ ޒަރޫރީ ކަމެއް ކަމަށް ފާހަގަ ކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ބިން ހިއްކުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ކަމުގެ ޔަގީންކަން މިއަދު އަޅުގަނޑު ދެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޑަވެއްޔަކީ މަސްވެރިރަށަކަށްވާއިރު ބަނދަރުގެ ދަތިކަން އެރަށުގައި އެބައޮތްކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މަޑަވެލީގެ ބަނދަރު ހައްދަވާނެ ކަމަށެވެ.
މަޑަވެލީ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމާއި ރަށު ފެންވަރުގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަޑަވެއްޔަކީ މަސްވެރި ރަށަކަށް ވުމާއި އަދި އާބަދީވެސް އިތުރުވަމުން އަންނަ ރަށަކަށްވުމާއެކު މަޑަވެލީގައި އޭޓީއެމްގެ ޚިދުމަތްވެސް ޤާއިމުކޮށްދެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ރަށުގައި އާ މިސްކިތެއް އެޅުމާއި، މަލްޓި ޕަރޕަސް ހޯލަކާއެކު ސްކޫލް އިތުރަށް ތަރައްޤީކުރެއްވުމުގެ އިތުރުން ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ރަނގަޅު ފެންވަރުގެ ފެސިލިޓީއެއްވެސް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަޑަވެލީ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކޮށްކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.