ރާއްޖޭގެ ރީޖަނަލް އެއާޕޯޓުތައް ބޭރުގެ ފަރާތްތަކަށް ވިއްކުމުގެ ވިސްނުންފުޅު ގެންގުޅުއްވާތޯ ނޫސްވެރިން ސުވާލު ދެންނެވުމުން ކޯފާ އިސްކުރައްވައި އެއްވެސް އެއާޕޯޓެއް އަދި ކުންފުންޏެއްވެސް ބޭރުގެ ފަރާތަކަށް ވިއްކުމުގެ ހުވަފެނެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވައިގެ ކޮންޓްރޯލް ބޭރުގެ ފަރާތްތަކަށް ލިބޭގޮތަށް އަދި އެއާޕޯޓުތައް، 100 އިންސައްތަ ބޭރުގެ ފަރާތްތަކުން ހިއްސާވާ ކުންފުނިތަކަށް ހިންގޭ ގޮތަށް އިންވެސްޓްމެންޓް ޕޮލިސީއަށް އިއްޔެ ގެނައި އިސްލާހާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ފައްޔާޒު ޖަވާބު ދެއްވަމުން ގެންދެވީ ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެން އިންނަވަ އެވެ.
އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ހިއްސާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ގާތް ބޭފުޅެއްކަމަށްވާ ގައުތަމް އަދަނީއަށް ވިއްކަން އުޅުއްވާތޯ އަދި ނުވިއްކާނެނަމަ އެކަމުގެ ޔަގީންކަން ދެއްވިދާނެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ފައްޔާޒު ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެންމެ އިންސައްތަ ހިއްސާއެއްވެސް އިންޑިއާގެ ނުވަތަ ބޭރުގެ އެއްވެސް ކުންފުންޏަކަށްވެސް ވިއްކުމުގެ ހުވަފެނެއް ނުގެންގުޅުއްވާ ކަމަށެވެ.
އެއްވެސް އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއް މި ސަރުކާރަކުން އަޅުގަނޑުމެން ވިއްކާލުމުގެ ދިނުމުގެ އެއްވެސް ޝައުގުވެރިކަމެއްވެސް ވިސްނުމެއްވެސް ޝައުގުވެރިކަމެއްވެސް ނެތޭ
- އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
މިނިސްޓަރު ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް ކުންފުނި ކުރިއަށް އޮތްތަނުގައި ވަރުގަދަވެ ކުންފުނީގެ ފައިދާ އިތުރުވާން ފެށުމުން ދިވެހި ރައްޔިތުންނަށް ހިއްސާ ވިއްކުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. އަދި އެކަން ހުވަފެނުން ފެނިވަޑައިގަންނަވާކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ ސަރުކާރުން ކުރާ ކަންކަން އިދިކޮޅު ސިޔާސީ ފަރާތްތަކުން އަނބުރައިގެން މާނަ އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުން ދާކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ކަންކަން ކުރަނީ އިދިކޮޅުން އެކަމާއި ގުޅިގެން ދައްކާނެ ވާހަކައަކަށް ވިސްނާފައި ނޫން ކަމަށާއި ދައްކާނެ ވާހަކައެއް ދެއްކުމުން އެކަން ސަރުކާރުން އޮޅުންފިލުވައިދޭނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން އަލަށް އެކުލަވައިލި އިންވެސްޓްމެންޓު ޕޮލިސީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. މި ދަނޑިވަޅުގައި ޕޮލިސީއަށް އެފަދަ ބަދަލެއް ގެންނެވީ ކީއްވެތޯ ނޫސްވެރިން ސުވާލު ދެންނެވުމުން ފައްޔާޒު ވިދާޅުވީ މަގާމާ ހަވާލުވިއިރު ބޭރު އިންވެސްޓަރުންނަށް އިންވެސްޓް ކުރެވޭ ގޮތާއި ކުރެވޭނެ ކަންކަމާއި ހިއްސާ ދެވޭނެ މިންވަރު އޮތީ އެއިރަކު ހުންނަ އިކޮނޮމިކް މިނިސްޓަރެއްގެ ސިކުނޑީގައި އޮންނަ ކަމެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް ދެފުށް ފެންނަ ގޮތަކަށް އެކަން ބޭއްވުމަށް ޕޮލިސީތަކެއް ހެއްދެވީކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ ކުރީގެ ސަރުކާރުގައި ރާއްޖޭގެ އެއާޕޯޓުތައް 100 އިންސައްތަ ހިއްސާވާ ބޭރުގެ ކުންފުނިތަކަށް ހިންގޭގޮތަށް ހަދާފައިވާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގއ. ކޫއްޑޫ އެއާޕޯޓް 2012 ވަނަ އަހަރު ހަދައި ތަރައްގީ ކުރީ ސިންގަޕޫރުގެ 100 ޕަސެންޓް ހިއްސާއޮތް ކުންފުންޏަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 2017 ވަނަ އަހަރުގެ އޮގަސްޓް މަހު އެ ކުންފުންޏާއި ސިންގަޕޫރުގެ އެހެން ކުންފުންޏެއް އެކުވެގެން ރާއްޖޭގައި ރަޖިސްޓްރީ ކުރި 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ، ޕްރިސްޓީން އައިލެންޑް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ކޫއްޑޫ އެއާޕޯޓް ހިންގުން ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަބޫދާބީ ސަރުކާރާއެކު 2017 ވަނަ އަހަރު ނ. މާފަރު އެއާޕޯޓް ހިންގަން ވެސް ބޭރުގެ ބަޔަކަށް ދޭން ކުރީގެ ރައީސް ޔާމީން ސޮއިކުރެއްވި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މާފަރު އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާ ބޭރު ބަޔަކަށް 100 ޕަސެންޓް ދެވޭގޮތަށް އެއް ތަން ދެވޭ ގޮތަށް އަނެއްތަން ދީފައި އޮށްވައި އަޅުގަނޑުމެން އައިސް އެކަން ބަދަލު ކުރީ 75 ޕަސެންޓަށް
- އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
މިހާރު ހިންގާ އެއްވެސް އެއާޕޯޓެއް 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ 75 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ތަރައްގީ ކުރަން ބޭރުގެ ފަރާތްތަކަށް ދިނުމުން އެމީހުން މައްސަލަ ޖައްސާކަމަށެވެ. އެހެންވެ 100 އިންސައްތަ ބޭރުގެ ފަރާތްތަކަށް ހިންގޭގޮތަށް ޕޮލިސީ ބަދަލު ކުރީ އިންވެސްޓަރުންނަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ މައި އިންޓަނޭޝަނަލް އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވަނީ އިންޑިއާގެ ޖީއެމްއާރަށް ހިންގަން ހަވާލުކޮށްފަ އެވެ. މިމައްސަލަ ވަރަށް ބޮޑަށް ހޫނުވެ އެ އެގްރީމެންޓު ބާތިލުކޮށް ވީއައިއޭ އަލުން ހޯދީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. އަދި އާބިޓްރޭޝަން މައްސަލަ ނިމި ދައްކަންޖެހުނު ފައިސާ ދެއްކީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. އާބިޓްރޭޝަންގައި ޖީއެމްއާރުގެ ވަކީލެއްގެ ގޮތުގައި މިނިސްޓަރު ފައްޔާޒު ހުންނެވި އެވެ.
އެކަމާއި ގުޅިގެން ނޫސްވެރިއަކު ސުވާލު ދެންނެވުމުން ފައްޔާޒު ވިދާޅުވީ ޖީއެމްއާރުގެ ވަކީލަކަށް ހުރުމާއި ސަރުކާރުގެ މިނިސްޓަރަކަށް ހުރުމާއި އެއްވެސް ގުޅުމެއް ނެތްކަމަށެވެ. އަދި މިނިސްޓަރުކަމުން ވަކިވެވަޑައިގަންނަވާ ފަހުން އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި ހުންނެވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.