ބޮލީވުޑް ފިލްމުތައް ޕްރޮޑިއުސްކޮށް ޑައިރެކްޓު ކުރާ ނިކިލް އާދްވާނީގެ ތްރިލާ ފިލްމެއް ޝާހިދު ކަޕޫރަށް ހުށަހަޅައިފި އެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުން ސްކްރިޕްޓުގެ މަސައްކަތް ނިންމާލާފައިވާ މި ފިލްމު ޝާހިދަށް ހުށަހެޅުމުން އޭނާ ވަނީ ފިލްމު ކުޅުމަށް އެއްބަސްވެފަ އެވެ. އެހެންނަމަވެސް ޝާހިދު މިވަގުތު ހުރީ މުމްބާއީ އިން ބޭރުގައި ކަމުން ފިލްމަށް އަދި ރަސްމީކޮށް ސޮއި ނުކުރެ އެވެ.
ނިކިލްގެ ފިލްމެއް މީގެ ކުރިންވެސް ޝާހިދަށް ހުށަހެޅި އެވެ. ޖެކީ ބަގްނާނީ އާއި ގުޅިގެން އުފައްދާ "ބެލް ބޮޓޮމް" ގައި ޝާހިދަށް މަސައްކަތް ނުކުރެވުނީ މަސައްކަތްތައް ފުނި ޖެހިފައި އޮތުމުގެ ސަަބަބުން ވަގުތު ހުސް ނުކުރެވިގެންނެވެ. އެ ފިލްމު އެންމެ ފުރަތަމަ ހުށަހެޅީ އެކްޓަރު ރިތިކު ރޯޝަން އަށެވެ. އޭގެ ފަހުން ޝާހިދަށް ހުށަހެޅި އެވެ. އަދި ޝާހިދަށް ފިލްމު ނުނެގުމުން ފިލްމު ފަހުން ޝޫޓު ކުރީ ލީޑް ރޯލަށް އަކްޝޭ ކުމާރު ލައިގެންނެވެ. ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް މިހާރު ނިންމާލައި ރިލީޒިންއަށް ވަނީ ތައްޔާރުވެފަ އެވެ.
ނިކިލް އާއި ޝާހިދު އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތް ކުރަން ހަމަޖެހުނުއިރު ބެލެވޭ ގޮތުގައި ޝާހިދު މުމްބާއީއަށް ގޮސް ރަސްމީކޮށް އާ ފިލްމަށް ސޮއިކުރާނެ އެވެ.
ޝާހިދަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑު ބޮޑު އެއް ތަރި އެވެ. ރިލީޒް ކުރަން ތައްޔާރުވަމުންދާ "ޖާޒީ" ގެ އިތުރުން ޝާހިދުގެ ފުރަތަމަ ވެބް ސީރީޒްވެސް ކުރިއަށް އެބަ އޮތެވެ. މީގެ އިތުރުން އިތުރު ހަތަރު ފިލްމެއް ޝާހިދަށް ވަނީ ލިބިފަ އެވެ.