ޗައިނާގެ މަޝްހޫރު ވިޔަފާރި ކުންފުނި އަލީބާބާ ގެ ވެރިޔާ ޖެކް މާ މިވަގުތު ހުންނެވީ ގޭގައި އަރާމު ކުރައްވަން ކަމަށާއި ހޮބީ ފަދަ އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރައްވައިގެން ކަމަށް އެކުންފުނީގެ ވައިސް ޗެއާމަން އަދި ކޯފައުންޑާ ޖޯ ސާއީ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު އަލީބާބާއަށް ދިމާވި އަޑިގުޑަންތަކާއިއެކު ޖެކެ މާ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަލީބާބާ އާ ގުޅިފައިވާ ޖެކް މާ ގެ އެންޓް ގްރޫޕުގެ 37 ބިލިއަން ޑޮލަރު މިދިޔަ އަހަރު ޗައިނާ ސަރުކާރުން ހިފަހައްޓައި ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގެ އުސޫލުތަކުން ބޭރުވެގެން އަލީބާބާ ވަނީ 2.8 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އޭގެ ފަހުން ޖެކް މާ ވަނީ މީޑިއާތަކުން މުޅިންހެން ގެއްލިފަ އެވެ.
ސީއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ޖޯ ވިދާޅުވީ މިވަގުތު ޖެކް މާ މީޑިއާތަކުގެ ކުރިމައްޗަށް އަންނަން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކުވެސް އޭނާއާާއި ވާހަކަ ދައްކަވާ ކަމަށާއި ހާލު ރަނގަޅުކަމަށް ވިދާޅުވި އެވެ.
ޖޯ ވިދާޅުވި ގޮތުގައި ޖެކް މާ ގޭގައި ހުންނެވި ނަމަވެސް ގެންދަވަނީ މުޖުތަމުގެ އެކި ބޭނުންތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން އެކި ކަހަލަ ޗެރިޓީތަކަށް އެހީތެރިވަމުން ގެންދަވާކަމަށް ވިދާޅުވި އެވެ.
ޖެކް މާ އަކީ ހިފެހެއްޓުމެއްނެތި އާދަޔާ ހިލާފު ނިންމުންތައް ނިންމަމުން ގޮސް އަލީ ބާބާގެ ވިޔަފާރި އެހެން ހަރުފަތަކަށް ގެންގޮސްދިން ލީޑަރެކެވެ. ގިނަ ބަޔަކު ދެކެނީ އޭނާއަކީ ވިޔަފާރީގެ ރޮނގުން ވަރުގަދަ ބާރެއް ލިބިގެންވާ މީހެއް ކަމަށެވެ. މިކަމާއި ގުޅިގެން ޖޯ ވިދާޅުވީ ޖެކް މާ އަކީ އާދަޔާ ހިލާފު ބާރެއް ލިބިފައިވާ މީހެއްކަމަށް ދެކެމުންދާ ދިޔުން ބަދަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން އޭނާއަކީވެސް ހުރިހާ މީހުންނެކޭ އެއްގޮތަށް އިންސާނެއްކަމަށް ޖޯ ވިދާޅުވި އެވެ.
ޖޯ ވިދާޅުވި ގޮތުގައި މިވަގުތު ކުރިއަށް ދަނީ އަލީ ބާބާއާއި އެންޓް ގްރޫޕުގެ ވިޔަފާރި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތެވެ. އަދި ކުރިއަށްވުރެއް ވަރުގަދައަށް އެނބުރި އަންނާނެ ކަމަށް ޖޯ ވިދާޅުވި އެވެ.
ޗައިނާގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ދެވަނައިގައި ޖެކް މާ އޮތުމަށްފަހު 2019 ވަނަ އަހަރު އޭނާ އެލިސްޓުގެ އެއްވަނައަށް އަރާނެކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. އެހެންނަމަވެސް ޖޫރިމަނާ ކުރުމާއި އުސޫލާއި އިލާފުވުމުގެ މައްސަލަތައް ފެންމަތިވެ ވިޔަފާރިއަށް ނޭދެވޭ އަސަރު ކުރުމުން ޖެކް މާ ގެ އާމްދަނީ ދަށަށް ދިޔަ އެވެ. މިހާރު ޖެކް މާ އޮތީ ޗައިނާގެ މުއްސަންދިންގެ ލިސްޓުގެ ހަތަރު ވަނައިގަ އެވެ. އެއްވަނައިގައި އޮތީ ބެވަރޭޖް ވިޔަފާރިވެރިޔާ ޒޮންގް ޝަންޝަން އެވެ.
ދުނިޔޭގެ މުއްސަނދިންގެ ލިސްޓުގެ 29 ވަނައިގައި މިހާރު ޖެކް މާ އޮތް އިރު އޭނާގެ އުމުރަކީ 56 އަހަރެވެ. މިވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މީހާއަކީ ފްރާންސްގެ ބާނާޑް އާނޯލްޓް އެވެ.