ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް ބޭންކިންގ އެޕްލިކޭޝަނަށް ބަދަލު ގެނެސް އިތުރު ފީޗަރސް ތަކާއެކު މިއަދު ތައާރަފްކޮށްފި އެވެ.
އެގޮތުން އެޕްގައި އަލަށް ތައާރަފް ކުރެވުނު ފީޗާރސް ތަކުގެ ތެރޭގައި:
- ކުއިކް ޕޭ، ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި ފައިސާ ޓްރާންސްފަރ ކުރެވޭ ފަސޭހަ ގޮތެއް.
- ފައިސާ ޓްރާންސްފަރކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވޭ ގޮތް
- ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭނެ ގޮތް
- ޕަރސަނަލް، ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓްވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވޭނެ
- ބޭންކިންގ ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މައުލޫމާތު އަޕްޓޭޑް ކުރުން
- ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އެ ބޭންކުގެ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭންކުގެ ޑިޖިޓަލް މަގުޗާޓުގައި ހިމެނޭ އަައު އެޕް މިއަދު ތައާރަފް ކުރެވުގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއްވެސްމެ.
- ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ
މީގެ އިތުރުން ޓިމް ސޯޔާ ވިދާޅުވީ އަލަށް ތައާރަފް ކުރެވުނު މި އެޕްގައި ކުރިން ހަމައެކަނި އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް މެދުވެރިކޮށް ލިބެމުންދާ ހިދުމަތްތައް ހިމެނިގެންދާނެކަމަށާއި ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާރސްތައް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.
2015 ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިންގ ހިދުމަތް ބޭންކް އޮފް މޯލްޑިިވްސް އިން ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އޮންލައިން ބޭންކިންގ އަށް ރަޖިސްޓްރީ ކޮށްފައިވާއިރު މިދިޔަ އަހަރު 73 މިލިއަން އަށް ވުރެ ގިނަ މުއާމަލާތް ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ހިންގާފައި ވާ ކަމަށް އެ ބީއެމްއެލްއިން ބުންޏެވެ.
އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް ޑައުންލޯޑްކުރެވޭނެއެވެ.