ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ދަށަށް ދާން ފަށައިފި އެވެ.
މިދިޔަ އަހަރު ޗައިނާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެގެން ދިޔުމާއިއެކު އެގައުމުގެ އިގްތިސޯދަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އެރި އެވެ. އެހެންނަމަވެސް ބަލިމަޑުކަން ކޮންޓްރޯލް ކުރެވިގެން ދިޔަ އަވަސްމިނާއިއެކު މާ ގިނަ ދުވަހަށް އެކަން ދެމިގެން ނުދިޔަ އެވެ.
މިދިޔަ އަހަރު ޗައިނާގައި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެގެން ދިޔައީ އިގްތިސޯދީ އަނދަވަޅުގެ ސަބަބުން ގިނަ ވަޒީފާތަކެއް ގެއްލުމުގެ ސަބަބުންނެވެ. އެހެންނަމަވެސް މި އަހަރު އަނެއްކާވެސް ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ ދަށަށް ދާން ފަށައިފަ އެވެ.
އެގޮތުން މިއަހަރުގެ ފެބުރުއަރީ މަހު 5 އިންސައްތައިން މަތީގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރި ނަމަވެސް ގާތްގަނޑަކަށް 5 އިންސައްތައަށް ރޭޓު ވަނީ ދަށަށް ގޮސްފަ އެވެ. އެހެންނަމަވެސް ގްރެޖުއޭޓް ވެގެން އަލަށް ވަޒީފާގެ މާހައުލަށް ނިކުންނަ ކުދިންގެ ތެރެއިން ވަޒީފާ ނެތް ނިސްބަތް ވަނީ މަތިވެފަ އެވެ. އެގޮތުން އުމުރުން 16 އަހަރާއި 26 އަހަރާއި ދެމެދުގެ ވަޒީފާ ނެތް ކުދިންގެ ނިސްބަތް އުޅެނީ 13.8 އިންސައްތައިގަ އެވެ.
ޗައިނާގައި ކޮވިޑުގެ ހާލަތު ގޯސްވުމަށްފަހު އަދިވެސް އިގްތިސޯދު މުޅިން ހަމައަކަށް ނޭޅެ އެވެ. ހާއްސަކޮށް ބައެއް އާންމު ހިދުމަތުގެ ދާއިރާއިން އިގްތިސޯދީ ހަރަކާތްތައް ވަރަށް މަދެވެ. ސްކޫލުތަކުން ގްރެޖުއޭޓް ވެގެން އަލަށް ނިކުންނަ ކުދިންނަށް ވަޒީފާ ލިބުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިގެން އުޅެނީ މި ސަބަބާއި ހުރެ އެވެ.
ޗައިނާގެ ސްޓެޓިސްޓިކްސް ބިއުރޯއިން މިދިޔަ އޭޕްރީލް މަހު ހެދި ސާވޭއެއްގައި ދައްކާގޮތުން 90،000 ކުންފުނީގެ 44 އިންސައްތަ ވަޒީފާއަށް އެކަށީގެންވާ މީހުން ހޯދުމުގައި ވަނީ ދަތިތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. ހާއްސަކޮށް މަތީ ތައުލީމާއި ތަމްރީނު ހާސިލްކޮށްގެން ތިބި މީހުން ހޯދުމުގައި އުނދަގޫތަކެއް އެބަ ހުއްޓެވެ.
އެ ބިއުރޯއިން މިދިޔަ ހަފްތާގައި ބުނީ މިއަހަރުގެ ތެރޭގައި އިތުރު 14 މިލިއަން މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން 9.09 މިލިއަން މީހުންނަކީ އަލަށް ގްރެޖުއޭޓް ވެގެން ނިކުންނަ މީހުންކަމަށްވެސް ލަފާ ކުރެ އެވެ. ޗައިނާއިން މި އަހަރަށް އަމާޒު ހިފާފައި ވަނީ 11 މިލިއަން މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުމެވެ. އެހެންނަމަވެސް އެއަށްވުރެއް ގިނަ ވަޒީފާ ހުޅުވިގެން ދާނެކަމަށް ބެލެވެ އެވެ.