ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މެޖޯރިޓީ ހިއްސާ އޮތް އެމެރިކާގެ ބެއިން ކެޕިޓަލްއިގެ ހިއްސާ ކާލައިލް ގްރޫޕު އިންކޯޕަރޭޓެޑް އަށް ވިއްކާލައިފި އެވެ.
ކާލައިލް އަކީވެސް އެމެރިކާގެ ކުންފުންޏެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހިއްސާގެ ބައެއް ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖުމަންޓާއި ޑޭވިޑްސަން ކެމްޕާ ކެޕިޓަލް މެނޭޖުމަންޓުން ވެސް ވަނީ ގަނެފައިވެ އެވެ.
މި މުއާމަލާތްތަކުގެ އަގު ޓީއެމްއޭއިން ހާމައެއް ނުކުރެ އެވެ.
2017 ވަނަ އަހަރުގެ ކުރިން ޓީއެމްއޭގެ ހިއްސާ އޮތް ބްލެކް ސްޓްރޯކް އިން ޗައިނާގެ ޓެންޕަސް އާއި ބެއިން ކެޕިޓަލް ހިއްސާ ގަތްއިރު 500 މިލިއަން ޑޮލަރު ދެއްކި އެވެ. އެހެންކަމުން މިފަހަރުގެ މުއާމަލާތުގެ އަގުވެސް މިލިއަނުން އަރާނެކަމަށް ބެލެވެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ޓީއެމްއޭއަށް މިވޭތުވެދިޔަ ތަނުގައި ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން އެކުންފުނިން އޮޕަރޭޓު ކުރާ 56 ފްލައިޓު ވަނީ ގްރައުންޑުކޮށްފަ އެވެ. މީގެ ސަބަބުން އެކުންފުނިން ނަގާފައިވާ ލޯނު ނުދެއްކި ދަތިތަކެއް ކުރިމަތިވި އެވެ.
އެހެންނަމަވެސް ޓީއެމްއޭއިން ބުނި ގޮތުގައި މިހާރު ކޮވިޑުގެ ހާލަތު ރަނގަޅުވެ ފަތުރުވެރިންގެ އަދަދު އިތުރުވާން ފެށުމާއިއެކު ކުންފުނި އިތުރަށް ރަނގަޅުވާނެ ކަމަށް ލަފާކުރެވެ އެވެ.