އަންނަ މަހު ބޭއްވުމަށް ތައްޔާރުވަމުންދާ އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހު 27 ވާ އަންގާރަ ދުވަހުގެ އިރުއޮއްސި 6 ޖަހާއިރު ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފި އެވެ.
ރާއްޖޭގައި މުޅިން އަލަށް ވާޗުއަލް ރަންއެއް ބޭއްވީ މިދިޔަ 2020 ވަަނަ އަހަރު އުރީދޫއިންނެވެ. އެއަހަރު ދުވުން ބޭއްވީ އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން 5،000 އަށްވުރެއް ގިނަ ބައިވެރިންނާއިއެކު އެވެ. މި އަހަރު އެކުންފުނީގެ 16ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ކުރިއަށް ގެންދާ ހާއްސް ހަރަކާތްތަކުގެ ތެރެގައި އިތުރު ފުރިހަމަކަމާއެކު މި ވަރޗުއަލް ރަން ބާއްވަން ހަމަޖެހިފައިވަނީ މިރަންއަށް ލިބިފައިވާ ބޮޑު ތަރުހީބާއެކު ދުރުގައި ތިއްބެވި ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ އިވެންޓެއްކަމުގައިވުމާއިއެކު ކަމަށް އުރީދޫއިން ބުނެ އެވެ.
މިއަހަރުގެ ރަންގައި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރ ގެ ކެޓެގަރީއަށް ރެޖިސްޓަރވުމުގެ ފުރުސަތުވެސްވަނީ މިހާރު ހުޅުވާލާފަ އެވެ. ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންވާ ދުވުންތެރިން 2 ކެޓެގަރީއަށް ވަކިން 27 ޖުލައި 2021 ދުވަހުގެ ހަވީރު 6ގެ ކުރިން ރެޖިސްޓަރވެ މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަންޖެހެ އެވެ. މި ދުވުމަކީ، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. 5 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، 1 އޯގަސްޓް އާއި 7 އޯގަސްޓް އާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެ އެވެ.
ރަޖިސްޓްރީވާން އުރީދޫއިން ވަނީ ފަސޭހަ ގޮތެއް ތައާރަފުކޮށްފަ އެވެ. އެގޮތުން އެ ކުންފުނީގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް ore.do/regstr މެދުވެރިކޮށް ރަޖިސްޓްރީ ވާން ހުށަހެޅޭނެ އެވެ. ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެ އެވެ.
ރެޖިސްޓަރކުރައްވާފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެއެވެ. ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްލަދޭނެ އެވެ.
މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާ ކިޔަ އެވެ. މި ވަރޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެ އެވެ.