މަހަކު 60 ޖީބީގެ ޑޭޓާ ލިބޭ ހާއްސަ ޕްލޭނެއް އުރީދޫއިން އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ތައާރަފުކޮށްފި އެވެ.
މި ޕްލޭންގައި ކޮންމެ ދުވަހަކު 2 ޖީބީގެ ޑޭޓާ ލިބޭނެ އެވެ. މީގެ އިތުރުން އުރީދޫގެ ކޮންމެ ނަމްބަރަކަށްވެސް މުޅިން ހެލޭ މުޅި މަހު ގުޅައިލެވޭނެ އެވެ. އަދި އެހެން ނެޓްވޯކުތަކަށް ކުރާ ކޯލުތަކަށް ހިލޭ 100 މިނެޓު ލިބޭނެ އެވެ.
މި ޕެކޭޖުގެ އަގަކީ 750 ރުފިޔާ އެވެ.
އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް އުރީދޫން ވަނީ މަހަކު 30 ޖީބީ ލިބޭ ޕްލޭނެއްވެސް ތައާރަފުކޮށްފަ އެވެ. 500 ރުފިޔާގެ މި ޕެކޭޖުގައިވެސް އުރީދޫ ނަމްބަރުތަކަށް ހިލޭ ގުޅައިލެވޭނެ އެވެ.
މީގެ އިތުރުން 150 ރުފިޔާއަށް ލިބޭ 14 ޖީބީގެ ޕްލޭންއެއްވެސް އާޗާ ޕްރީޕެއިޑުގައި ހިމެނެ އެވެ. މިއީ 7 ދުވަހުގެ ޕްލޭނެކެވެ. މި ޕްލޭންގައި ދުވާލަކަށް ލިބޭނީ 2 ޖީބީ އެވެ. އަދި އުރީދޫގެ ކޮންމެ ނަމްބަރަކަށް ހިލޭ ގުޅޭނެ އެވެ.
ބޮޑު އީދު ބަންދާއި ދިމާކޮށް އުރީދޫއިން ހޮލިޑޭ ކޮމްބޯ ޕެކޭޖެއްވެސް ތައާރަފު ކުރި އެވެ. އެއީ 50 ރުފިޔާއަށް 4 ޖީބީ ޑޭޓާއާއެކު އުރީދޫ ނަމްބަރުތަކަށް ހިލޭ ގުޅޭ ޕެކޭޖެކެވެ. 24 ގަޑިއިރަށް އެކްޓިވޭޓް ކުރެވޭ މި ޕެކޭޖުގައި އެހެން ނެޓްވޯކުތަކުގެ ނަމްބަރުތަކަށް ހިލޭ ގުޅައިލުމަށް 100 މިނެޓު ލިބެ އެވެ.