ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އއ. ބޮޑުފޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީކޮށްފިއެވެ.
މި ޕްރޮޖެކްޓަކީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން އިން އިސްނަގައިގެން ހިންގި ޕްރޮޖެކްޓެކެވެ.
މިތަން ފަރުމާކުރެވިފައި ވަނީ ދުުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެހެން އަލިކޮށް އެއްފަހަރާ 8 މީހުންނަށް މަސްކަނޑަން ތިބެވޭނެހެން ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ. މަސްކަނޑަން ޖާގަ އޮންނާނެހެން އަދި ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްގެ އިތުރުން ސާފު ރީތިފެން ލިބޭނެ އިންތިޒާމު މި ސަރަހައްދުގައި އެކުލެވެއެވެ. މިއީ މަސްވެރިންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވިފައިވާ މަސްކަނޑާތަނެކެވެ.
މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމަށް ބީއެމްއެލްގެ އިތުރުން ސްޕޮންސަރުންނާއި ކްލަބް ގެ މެންބަރުންގެ އިތުރުން ވޮލަންޓިއަރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.