ފަލަވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ ފަލަވުމުގެ ސަބަބުން އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވާން ފެށުމުންނެވެ. ކިތަންމެ ފަލަ މީހާވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރެދާނެ އެވެ. އަދި ހިކި މީހާ ސިއްހީ ގޮތުން ދުޅަހެޔޮ ނުވެވެސް ހިނގައިދާނެ އެވެ.
ހަށިގަނޑު ފަލަވެގެން ދިޔުމުގައި ތަޖުރިބާކާރުން ވަކި މިންގަނޑެއް ގެންގުޅެ އެވެ. މީހާގެ އިސްކޮޅާއި އުމުރަށް ބެލުމަށްފަހު އެމީހަކަށް އެންމެ ބަރު ވެވޭނީ ވަކި މިންވަރަކަށްކަން ތަޖުރިބާކާރުން ކަނޑައަޅަ އެވެ. މިސާލަކަށް 25 އަހަރުން މަތީގެ އިސްކޮޅުން 5 ފޫޓާއި 5 ފޫޓު 2 އިންޗިއާއި ދެމެދު އިސްކޮޅު ހުންނަ އަންހެނަކު ހުރުން އެންމެ އެކަށީގެންވާ ބަރުދަނަކީ 55 ކިލޯގްރާމް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އަދި ފިރިހެނަކު ހުރުން އެންމެ އެކަށީގެންވަނީ 59 ކިލޯގްރާމްގެ ބަރުދަނެއް ކަމަށްވެސް ތަޖުރިބާކާރުން ބުނެ އެވެ. އިސްކޮޅުން ދިގު މީހުންގެ ބަރުދަން އިތުރުކުރެވިދާނެ އެވެ. ކޮންމެއަކަސް މި މިންގަނޑަށްވުރެއް ހަތަރު ފަސް ކިލޯ ބަރުކޮށް މީހާ ހުރުމަކީ މާ ބޮޑަށް ނުރައްކާތެރި ކަމެއްކަމަށް ތަޖުރިބާކާރުން ނުދެކެ އެވެ.
ދެން އޮތީ ރީތިކޮށް ހުރުމުގެ ވާހަކަ އެވެ. މީހާ ހަށިގަނޑު ވަކި މިންވަރަކަށްވުރެއް ފަލަ ވިޔަ ނުދީ ހިފަހައްޓަނީ ކޮންމެހެން އެހެން މީހުންނާއި ތިމާގެވެސް ލޮލަށް ރީއްޗަކަށް ނޫނޭ ދެންނެވުމަކީ މުޅިން ތެދަކަށް ނުވާނެ އެވެ. ގިނަ މީހުން ހިކިކޮށް ހުންނަން ބޭނުންވަނީ ރީތިވާށެވެ. ހިތާމައަކީ ފަލަވުމަށްފަހު ހިކެން އުނދަގޫވުމެވެ. އެ ކުރަންޖެހޭ މަސައްކަތާއި އެކަމަށް ހޭދަކުރަންޖެހޭ ވަގުތުވެސް ގިނަކަމުން އެއީ މާ ފަސޭހަކަމަކަށް ނުވަނީ އެވެ.
ހިކެން ބޭނުން މީހުންނަށް ކުރެވިދާނެ އެކި ކަންކަން އަބަދުވެސް ކިޔަމު އެވެ. ކޮފީ ބުއިމާއި، ޖަންކް ފުޑްސް ނުކެއުމާއި، ޑިޓޮކްސް ފެން ބުއިމާއި މިހެންގޮސް ކިތަންމެ ކަމެކެވެ. މިފަހަރުވެސް މިއޮތީ އެފަދައިން ކުރެވިދާނެ ކަމެކެވެ. ހިކެން ބޭނުން މީހާ ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ކެއުން މަދު ކުރުމެވެ. އެކަމަށްޓަކައި ކުރެވިދާނެ ކުޑަކުޑަ ކަމެއް ކިޔައިދޭނަމެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކުދި ތަށީގައި ކެއުމަށް އާދަކުރުމުން ކުޑަކޮށް ކެއުމަށް ފަސޭހަވެ އެވެ. އެއީ ކުޑަ ތައްޓަށް އެޅޭ ކާނާގެ މިންވަރު ކުޑަވުމާއިއެކު އެވަރުން ފުއްދައިލެވޭނެތީ އެވެ. މިގޮތަށް ކޮންމެ ދުވަހަކު ކުޑަ ތަށީގައި ކުޑަކޮށް ކާނަމަ މިކެވެނީ މާ ގިނައިންނޭވެސް ހީވެ އެވެ. ކުދި ތަށީގައި ކާއިރު ކުރެވިދާނެ އެހެން ކަމެއްވެސް އެބަ އޮތެވެ. ތައްޓަށް ބަތް ފަދަ އެއްޗެހި އަޅާއިރު ކިރައިލާށެވެ. އޭރުން މިކެވެނީ ކިހާވަރަކަށްކަން އަމިއްލައަށް ވިސްނޭނެ އެވެ.
ކުދި ތަށީގައި ކެޔަސް ބޮޑު ތަށީގައި ކެޔަސް ކަސްރަތު ކުރުން ދޫކޮށް ނުލާށެވެ. މީހާ ކިތަންމެ ފަލަޔަސް ހިއްކަސް އެންމެ ކުޑަމިނުން ދުވާލަކު ގަޑިއެއްހާއިރު ދުވެލަން އާދަކުރާށެވެ. އަދި ދުވާލުގެ ވަގުތުގައި ވީހާވެސް ގިނައިން ފެން ބޮވޭތޯ ބަލާށެވެ. ފެން ބޯއިރު ރޫމް ޓެމްޕަރޭޗާގައި ފެން ބޯންވެސް އާދަކުރާށެވެ.