އިޒްރާއީލުން އަނެއްކާވެސް ފަލަސްތީނުގެ ގާޒާއަށް ބޮމުގެ ހަމަލާތައް ދޭން ފަށައިފި އެވެ.
މިދިޔަ ރަމަޟާން މަހުގެ ފަހު 10 ގައި އިޒްރާއީލުން ގާޒާއަށް ބޮން އަޅަން ފަށައި ގާތްގަނޑަކަށް 11 ދުވަސް ވަންދެން މެދުނުކެނޑި ހަމަލާތައް ދެމުން ގެންދިޔަ އެވެ. އޭގެ ފަހުން މިދިޔަ މަހުގެ ތެރޭގައި ހަމަލާތައް މެދުކަނޑައިލި އެވެ.
މިއަދު ފަތިހު ގާޒާއަށް ހަމަލާން ދޭން ފެށިއިރު މިއީ އިޒްރާއީލަށް އަލަށް އިންތިހާބުވި ބޮޑުވަޒީރު ނަފްތާލީ ބެނެޓް މަގާމާއި ހަވާލުވުމަށްފަހު ގާޒާއަށް ދިން ފުރަތަމަ ހަމަލާ އެވެ.
ބެނެޓް މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ވިދާޅުވެފައިވަނީ ގާޒާގެ އިރުމަތީ ޖެރުސެލަމް ސަރަހައްދު އިޒްރާއީލުން ހިސޯރު ކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ. އެގޮތުން އިއްޔެ ވަނީ އެސަރަހައްދުގައި ޔަހޫދީންގެ އެއްވުމެއް ބާއްވައިފަ އެވެ. އެތައް ހާސް މީހުންނެއް ބައިވެރިވި މި އެއްވުމާއި ގުޅިގެން ގާޒާގެ ހަމާސް ޖަމާއަތުން ވަނީ އިޒްރާއީލަށް އިންޒާރު ދީފަ އެވެ.
އެއްވުމަށްފަހު ފަލަސްތީނު ހިމެނޭ ސަރަހައްދުން ވަނީ ފްލެއާ ބެލޫން ތަކެއް ގާޒާ ބޯޑަރު ސަރަހައްދަށް ދޫކޮށްފަ އެވެ. އެ ބެލޫންތަކުގައި ފްލެއާ ހިމެނޭކަމަށާއި އެ ފްލެއާ އަމާޒުކުރީ ގާޒާ ބޯޑަރު ސަރަހައްދުގައި ތިބި އިޒްރާއީލު ސިފައިންނަށް ކަމަށް އިޒްރާއީލު ސިފައިން ވަނީ ބުނެފަ އެވެ.
ބެލޫންތައް މެދުވެރިކޮށް ދިން ހަމަލާތަކަކީ ހަމާސް ޖަމާއަތުން ދިން ހަމަލާތަކެއްކަމަށް އިޒްރާއީލުން ބުނި ނަމަވެސް ހަމާސްއިން އެމައުލޫމާތު ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މިއަދު ފަތިހު ގާޒާއަށް ބޮން އަޅަން ފެށީ އެހަމަލާއަށް ބަދަލު ހިފުމުގެ ގޮތުންކަމަށް އިޒްރާއީލު ސިފައިން ވަނީ ބުނެފަ އެވެ. އެ މުއައްސަސާއިން ބުނި ގޮތުގައި އިޒްރާއީލުން ހަމަލާތައް ދެމުން ގެންދަނީ ހަމާސްގެ ސިފައިން ހަރަކާތްތެރިވާ ސަރަހައްދުތަކަށެވެ. އެގޮތުން ގާޒާ އަށާއި ހާން ޔޫނިސްގެ ދެކުނު ސަރަހައްދަށް ހަމަލާތައް ދެމުން ދާކަމަށް އިޒްރާއީލު ސިފައިން ބުންޏެވެ.
އިޒްރާއީލުން ދޭން ފެށި ހަމަލާތަކުގައި ގާޒާއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ. އެހެންނަމަވެސް އިޒްރާއީލުގެ ލާއިންސާނީ އަދި ޓެރަރިސްޓު ހަމަލާތަކުން ދިފާއުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ހަމާސް ޖަމާއަތުން ވަނީ ބުނެފަ އެވެ.
އިޒްރާއީލުގެ އާ ބޮޑުވަޒީރު ބެނެޓް މަގާމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެންމެ މުހިންމު އެއް ވައުދެއްގެ ގޮތުގައި ވެވަޑައިގެންނެވީ ގާޒާގެ ބިން އިޒްރާއީލުން ހިސޯރު ކުރުމެވެ. އެގޮތުން ގާޒާއަކީ އިޒްރާއީލުން ވެރިކަން ކުރާ ސިޓީކަމުގައި ހެދުމުގެ މަސައްކަތަށް ހާއްސަ އިސްކަމެއް ދީގެން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.