ކައުންސިލުތަކުން ބޭނުންވާ އެހީތެރިކަން ދިނުމަށް މައި ސަރުކާރުގެ އިދާރާތަކުން އަބަދުވެސް ތައްޔާރަށް އޮންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވެވި އޮންލައިން ބައްދަލުކުރެއްވުމުގައި، ހާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ކައުންސިލުތަކަށް ދިނުމުގައި ދެމި އޮންނާނެކަމަށާއި ބޭނުންވަނީ މުޅި ނިޒާމު ކާމިޔާބުކަމާއެކު ހިނގައި ކުރިޔަށްދިއުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު ތައާރަފުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމުގެ ސަބަބުން ކުޅުދުއްފުށީ ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލަތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިޔަށްދާތީ އެކަން ފާހަގަ ކުރައްވާފައެވެ. އަދި މަގުހެދުމުގެ ޕްރޮޖެކްޓްގެ ތެރޭގައި ފަޔަރ ހައިޑްރަންޓް އަދި ޑީވޯޓަރިން ހިމަނައިދިނުމަށާއި ބައެއް މަގުތައް ގުޅުވާލުމަށް ސިޓީ ކައުންސިލުން އެދުނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޓީ ކައުންސިލުން އެދޭ ބަދަލުތައް ގެންނެވުމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ސަރުކާރުން މިހާރު މަގުހެދުމުގެ މަޝްރޫޢުތައް ކުރިޔަށްގެންދަވަނީ މަގުތަކަށް އަވަސްއަވަހަށް ބަދަލު ގެންނަން ނުޖެހޭގޮތަށް ޑްރެއިނޭޖް ސިސްޓަމާއި އެނޫންވެސް މަގާ ގުޅިފައިވާ ކަންކަން ހިމެނޭގޮތަށެވެ.
މި ކަންކަމުގެ އިތުރުންވެސް ސިޓީ ކައުންސިލުން ވަނީ އެސިޓީގައި ގިނަދުވަސްވެ ޖަމާވެފައިވާ ކުނިފުނިތައް ސަރުކާރުގެ އެހީތެރިކަމާއެކު ނަގައި ކުނީގެ މައްސަލައަށް މިހާރު ހެޔޮ ބަދަލެއް ގެނެވިފައިވާތީ އެކަން ފާހަގަކުރައްވާފައެވެ. އަދި ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ސިޓީ ކައުންސިލަށް ބޭނުންވާވަރަށް މުވައްޒަފުން ނެތުމުގެ މައްސަލައާއި އަދި އެއާޕޯޓު ހިމެނޭ ސަރަޙައްދުގެ ސީވޯލްގެ މަސައްކަތާ، ލައިޓް ހަރުކުރުމާއި އަދިވެސް އެއާޕޯޓާއި ގުޅިގެން ބޭނުންވާ ބައެއް އިންތިޒާމުތައް ހަމަޖެއްސުމާއި އަދި ކުޅުދުއްފުށީ ޕޯޓަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.