ގަބޫލު ނުކުރެވޭފަދަ ވާހަކައެއް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެކަމާއި ދެކޮޅު ހެދުމުގެ އިހުތިޔާރު އޮންނަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ މިފަދައިން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީގެ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އިންތި ވިދާޅުވީ ޕާޓީގެ ރައީސް ނަޝީދު ވަކި ގޮތަކަށް އެއްޗެއް ވިދާޅުވުމުން ޕާޓީގެ މެމްބަރުން އެކަމާއި ދެކޮޅު ހެދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އިންތި މިފަދައިން ވިދާޅުވީ ސަރުކާރާއި ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކަށިކޮށްލަން ނަޝީދު މަސައްކަތް ކުރައްވާތީ އެކަން ބަލައިނުގަނެވޭކަމަށް ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވުމުންނެވެ.
އަސްލަމްގެ ވާހަކަތައް ދިފާއު ކުރައްވައި ރޮޒައިނާ ވިދާޅުވީ އެންމެންގެވެސް މިނިވަންކަން އޮންނަން ވާނެ ކަމަށާއި އަސްލަމްއަށް ނަޝީދާއި ދެކޮޅަށް ބަސް ވިދާޅުނުވެވޭވެނެކަމަށް އިންތި ވިދާޅުވުމުން އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ކީއްވެތޯ ނުބުނެވޭންވީ؟ ރައީސް ނަޝީދުވެސް އަދި ރައީސް ސޯލިހުވެސް އަޅުގަނޑަށް ގަބޫލު ނުކުރެވޭ ވާހަކައެއް ވިދާޅުވެއްޖެއްޔާ އަޅުގަނޑަށް އެޔާ ދެކޮޅު ހެދުމުގެ އިހްތިޔާރު އޮންނަންވާނެ. ނޯންނާނެޔޭ ވިދާޅުނުވޭ!"
- މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
އެމްޑީޕީ އެތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ރޮޒައިނާ އާއި އަސްލަމް ހުންނެވީ ރައީސް ސޯލިހުގެ ފަޅީގަ އެވެ. އެހެންނަމަވެސް އިންތި ހުންނެވީ ރައީސް ނަޝީދު ފަޅީގަ އެވެ. ހޫނު ބަހުގެ ހަމަލާތަކަކަށްފަހު އިންތި ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝިދު ކަމަށާއި ނަޝީދު އެވަނީ ޒަހަމުކޮށްލާފައި ކަމަށެވެ.
އަދި ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށާއި ރޮޒައިނާގެ ވާހަކަފުޅާއި ރައީސް ނަޝީދު ވާހަކަފުޅުގެ ތެރެއިން ބުރަދަން ދޭންވީ ކޮން ވާހަކައަކަށްތޯ އިންތި ސުވާލުވެސް އުފެއްދެވި އެވެ.
ހަރުކަށި ފިކުރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފެތުރެމުން ދާއިރު ރާއްޖެ އަފްގާނިސްތާނަށް ވިޔަ ނުދިނުމަށް ހުރިހާ ސިޔާސީ ޕާޓީތަކުން އެކީގައި މަސައްކަތް ކުރަންޖެހޭ ކަމަށް މީގެ ކުރިން ނަޝީދު ވިދާޅުވި އެވެ. އެކަމަށްޓަކައި ސަރުކާރުން ސްޕޮންސާ ކޮށްގެން އެމްޑީޕީން ވަނީ މުސްލިމުން ކާފަރު ކޮށް ނަފުރަތު އާންމުކުރުން ހުއްޓުވުމަށް ބިލެއް ހުށަހަޅައިފަ އެވެ. އެހެންނަމަވެސް އެ ބިލާއި ގުޅިގެން ދީނީ އިލްމުވެރިން ކަންބޮޑުުވުން ފާޅުކުރި ހިސާބުން ސަރުކާރުން ވަނީ އެބިލަށް އޮތް ތާއީދު އަނބުރައި ގެންގޮސްފަ އެވެ.
އޭގެ ފަހުން ނަޝީދު ވިދާޅުވީ ނަފުރަތުގެ ބިލަން އޮތް ތާއީދު އަނބުރާ ގެންދިޔައީ އަދާލަތު ޕާޓީން ރައީސް ސޯލިހަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި ރައީސް ސޯލިހު ވަނީ އެމްޑީޕީގެ އަސާސްތަކާއި ޑިމޮކްރަސީއާވެސް ހިލާފުވެފައި ކަމަށް ވިދާޅުވި އެވެ. އެހެން އެކަން އޮއްވައި މި ސަރުކާރަށް ތާއީދު ކުރަން އުނދަގޫވާކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.