މިނިވަންކަން ދެމެހެއްޓުމަށް ގައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ މުނާސަބާގައި ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ ރިއާސަތަށް ރާއްޖެ އިންތިހާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ގައުމަކަށް ރާއްޖެ ވެގެން ދިޔައީ، ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ޙިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ މިނިވަންކަމަށް ވެސް ހުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ލިބުނު ކޮންމެ ނަސްރަކީ ރާއްޖޭގެ ރައްޔިތުން އިސްލާމްދީނުގެ ސައްހަ އަގީދާގައި ސާބިތުވެ އެއްބައިވަންތަކާމާއެކު ތިބުމުގެ ހެޔޮ ނަތީޖާކަމަށް ވިދާޅުވިއެވެ.
56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި އިތުރަށް ވިދާޅުވީ އެހެން ކަންކަން ފަދައިން ކޮވިޑް-19 ގެ ބަލިމަޑުކަމާހުރެ ގައުމަށް ކުރިމަތިވެފައިވާ ހާލަތަކީވެސް މުޅި ގައުމުގެ އެއްބައިވަންތަކަމާއި ރައްޔިތުންގެ އެއްބާރުލުމަށް ބޭނުންވެފައިވާ ހާލަތެއްކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ސަރުކާރުން ފެށުމަށް ތައްޔާރުވަމުން އަންނަ ކޮވިޑް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމުގެ އަމާޒަކީ، ފުރަތަމަ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް މި ފެށޭ އޮގަސްޓްމަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުންކަމަށާއި، އެއަށްފަހު މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުމަށް މަސައްކަތްކުރާނެކަމުގައި އެމަނިކުފާނު ފާހަަގަކުރެއްވިއެވެ. އަދި، ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ރާއްޖެއަށް މިހާރު ވެކްސިން ގެނެސްފައިވާކަން ހާމަކުރައްވައި، މިފުރުސަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.