ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި ވީހާވެސް އަވަހަށް އެމަނިކުފާނު މާލެ ވަޑައިގަތުމަށް އެދޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސާލިހު ވިދާޅުވީ، ނަޝީދަށް ފުރިހަމަ ރައްކާތެރިކަން ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެއްވެސް އިރެއްގައި ނަޝީދުގެ ސެކިއުރިޓީއަށް ސަރުކާރުން ހުރަސް ނާޅާ ކަމަށް ރައީސް ވިދާޅުވިއެވެ. 6 މެއިގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އިތުރު ފަރުވާ ހޯއްދެވުމަށް މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ނަޝީދަށް އެކަށީގެންވާ ރައްކާތެރިކަން ސަރުކާރުން ދެމުން ނުދާ ކަމަށް ބުނެ ނަޝީދުގެ ގާތް ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑިޕީއަކީ ވަރަށް ގިނަ ތަފާތު ހިޔާލުތަކުގެ މީހުން އުޅޭ، ވަރަށް ބޮޑު ޕާޓީއެއް ކަމަށާއި އެހެންކަމުން ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މިފަދަ ކޮންމެ މައްސަލައަކީ ބޮޑު ކަންތައް ގަނޑަކަށް ހަދައިގެން ޖަވާބުދާރީވާން ޖެހޭ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަ ރައީސް ސާލިހް ވިދާޅުވިއެވެ.
އަދި ވެރިކަމުގައި ހުންނަވާއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ މުހިންމު އެއްޗެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މެޖޯރިޓީ ހޯއްދެވުމަށް އަބަދުވެސް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް މަޖިލީހުގެ މެޖޯރިޓީއަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ރައީސް ވިދާޅުވިއެވެ.