އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްއާއެކު މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އެމްޑީޕީން ޕީޕީއެމްއާއެކު މަސައްކަތް ކުރުމަކީ ރާއްޖޭގައި އޮތް މަލްޓި ޕާޓީ ސިސްޓަމާއި ހިލާފު ކަމެއް ކަމަށާއި ޕީޕީއެމް އަދި އެމްޑީޕީގެ ފިކުރަކީ މުޅީން ތަފާތު ދެ ފިކުރު ކަމަށެވެ. އެހެންކަމުން އަބަދުވެސް އެންމެ ރަނގަޅުގޮތެއް ކަމަށް ވާނީ މި ދެ ފިކުރު ވަކިކޮށް ދެ ޕާޓީން ވަކިން މަސައްކަތް ކުރުން ކަމަށެވެ.
ޕީޕީއެމް އަދި އެމްޑީޕީ ކޯލިޝަނެއް ހެދުމަކީ މަލްޓި ޕާޓީ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އެއްގޮތަކަށްވެސް ދެކެވަޑައި ނުގަންވާކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް ނަޝީދު އިދިކޮޅު ލީޑަރު ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވަމުން ދާ ދަނޑިވަޅެއްގައެވެ.