އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަޔާއި އިނާޔަތްތައް ދެ ގުނަ އަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ވަންދޫ ކައުންސިލާއި ބަައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިސްކިތުގެ މަސައްކަތް ޓެންޑެރިންގ އިވޭލުއޭޝަން ކުރިޔަށްދާކަމަށާއި އަދި ކުރިޔަށް އޮތް ތިން އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތް ލިބޭނެގޮތް މަގުފަހިކުރުމަށް މަސައްކަތްކުރައްވަމުންދާކަމުގައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާއި ރަށުގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ވަނީ އަންހެނުން ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބޭނުންވާ ވަޞީލަތްތަކާއި އެފަދަ ވަޞީލަތްތައް ޤާއިމުކުރުމަށް ޖާގަ ނެތްކަން ފާހަގަކުރައްވާފައެވެ. އަދި، އެބޭފުޅުން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް މިހާރު ދެއްވާ މުސާރަޔާއި ޢިނާޔަތްތައް ކުޑަކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަންދޫގައި ކުރިޔަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢާއި، މިސްކިތުގެ މަޝްރޫޢު އަދި ފެނަކަ އާ އިމާރާތް އެޅުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި އުފަލާއިއެކު ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ވަންދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ބޭނުންވާ ކަމަށާ، ފުޓްސަލް ދަނޑު އަދި އައުޓްޑޯ ޖިމް ފަދަ ކުޅިވަރު އިންފްރާސްޓްރަކްޗަރ ބޭނުންވާކަން ހިމެނެއެވެ. އަދި ކައުންސިލް އިދާރާ ހިންގާ އިމާރާތް ބާވެފައިވުމުން އާ އިމާރާތެއް ބޭނުންވާކަމަށާއި، ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށާއި ފުލުހުންގެ ޚިދުމަތް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.