ސިފައިންގެ މީހަކަށް ވުމާއެކު، މަސައްކަތް ކުރަންވީ، ގައުމީ ބަތަލުންނާ އެއްހަމައެއްގައި ތިމާގެ ނަން ފެވިގެންދާނެ ފަދަ ހިދުމަތްތަކެއް ގައުމަށް ކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި އިބްރާހީމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިންގެ ހުވާކުރުމާއި ބަޑިހަވާލުކުމުގެ ގޮތުން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާއުކުރުމާއި، ގާނޫނުއަސާސީއާއި ރާއްޖޭގެ ރައްޔިތުންނާއި އަދި ގާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ޤާނޫނީ ވެރިކަން ޙިމާޔަތްކޮށްދިނުން ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމް ދީނާއި، ގައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް ވުރެ، އިސްކަންދެވޭ އެހެން ކަމެއް، ސިފައިންގެ ހިތްތަކުގައި އޮވެގެން ނުވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ދުވަސްވަރަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތައް ފަދަ އެތައް ގޮންޖެހުންތަކެއް ސަރަޙައްދީ ފެންވަރުގަޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިމަތިވަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވައި އެފަދަ ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ، އެގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އަދި ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫތު ޙިއްޞާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާކުރުމުގެ އޮނިގަނޑު، މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލައި، މަޢުލޫމާތު ޙިއްޞާކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމުގައި ވިދާޅުވިއެވެ.
އޭގެ އިތުރުން، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށް ވުރެ ރަނގަޅަށް ވަޒަންކުރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ޤާބިލްކަން، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި އިތުރުވެގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.