ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އަދާ ކުރަންޖެހޭ ޒިންމާ މިއަދު ވަނީ ބޮޑު ވެފައިކަމަށް ހުތުބާ ގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ ހަބަރުފެތުރުމުގެ ޝަރުއީ ހަމަތަކެވެ.
ހުތުބާގައި ބުނެފައި ވަނީ މުޖުތަމައުގެ ކޮންމެ ފަރުދަކުވެސް މުޖުތަމައުގެ މަސްލަހަތާއި އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދުގެ ދުނިޔެވަނީ ހުޅުވާލެވިފައި ކަމަށާއި ކިތަންމެ ދުރުގައި ހިނގާ ކަމެއްވެސް ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި މީސްތަކުންނާއި ހަމައަށް އަންނަ ކަމަށާއި ސޯޝަލް މީޑިއާ އާއި ހަބަރު ފަތުރާ ވަސީލަތްތައް މެުވެރިކޮށް ކަމަށެވެ. ދުނިޔެ މިގޮތަށް ބަދަލުވެފައިވާތީ ދޮގު ހަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން މިއަދު ވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ދޮގު ހަބަރު ފެތުރުމާއި ދޮގު ވާހަކަ ދެއްކުމުގެ ނުބައިކަމާއި، އެކަންކަމުގެ ސަބަބުން އުފެދޭ ފިތުނައިގެ ބޮޑުކަމުން މާތް ﷲ ވަނީ އެކަންކަން މަނާ ކުރައްވާފައެވެ. އަދި ހަމަ ސާބިތު ނުހިފޭ ޔޯލަ ވާހަކަ ދެއްކުން ވެސް އެކަލާނގެ ވަނީ ނަޙީ ކުރައްވާފައިކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ނޫސްވެރިންނާއި ހަބަރުތައް ގެނެސްދޭ ފަރާތްތަކުން އަދާ ކުރަމުން އެދަނީ ވަރަށް ބޮޑު ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި އެބައިމީހުން އެ އުފުލަނީ އެއްވެސް އޮޅުވާލުމެއް ނެތި ކަމުގެ ހަގީގަތާއި އެއްގޮތަށް މީސްތަކުންނަށް ސައްހަ ހަބަރާއި އެދު މައުލޫމާތު ފޯރުކޮށްދީ މަގު ދެއްކުމުގެ ޒިންމާ ކަމަށެވެ. އިންސާނާ ދައްކާ ވާހަކައާއި އެހެން މީހުންނަށް ފޯރުކޮށްދޭ މައުލޫމާތު ބިނާ ކުރަން ޖެހޭނީ ޝަރުއީ ހަމަތަކުގެ މައްޗަށެވެ. އަދި އެހެންމީހުންނަށް ފޯރުކޮށްދޭ ހަބަރާއި މައުލޫމާތު ވާންޖެހޭނީ ތެދު ހަގީގަތަކަށް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.