ބައިނަލްއަގްވާމީ މަސްރަހުގައި ބަސްބުނުމުގެ ގާބިލިއްޔަތާ މެދުގައާއި، ދިވެހިރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ގައުމެއްތޯ ބައިނަލްއަގްވާމީ މައިދާނުގައި ކުރެވުނު ސުވާލުގެ ޖަވާބު މިއަދު ލިބިއްޖެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ނިއުޔޯކުގައި ކުރިޔަށްދާ އދގެ އާއްމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ގައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫންކަން މުޅިދުނިޔެ ހެކިވި ވަގުތުކޮޅެއް ކަމަށާއި އަދި، މިއީ ހުރިހާ ދިވެހީންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންސާނިއްޔަތަށް އަދިވެސް އޮތް އެންމެ ބޮޑު އުންމީދަކީ އ.ދ. ކަމަށާއި، ބައިނަލްއަގުވާމީ ގުޅުންތަކުން ހާސިލުވާ ކޮންމެ ކާމިޔާބީއެއް ރަމްޒުކޮށްދެނީ އ.ދ. ކަމަށެވެ. އަދި، ސުލްހަވެރި ހައްލާއި މަސަލަސްކަމުގެ ސައްލާ އުފެދެނީ އ.ދ. ގެ މަރުކަޒުންކަމަށާއި، ހުރިހާ އިންސާނުންގެ ހުރިހާ ފަންތިއާއި ގިންތިއާއި މިންތީގެ މުގޫ ހިފަހައްޓަނީ އެ މަރުކަޒުން ކަމުގައި ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުންވެސް، ފަގީރު ކަމާއި، ބަލިމަޑުކަމާއި، ޓެރަރިޒަމް ފަދަ ކަންކަން ނައްތާލުމުގެ މަސައްކަތުގެ ފަންނީ ތަޖުރިބާ އެންމެ މުއްސަނދި ބޭންކަކީވެސް އ.ދ. ކަމުގައި ރައީސް ސިފަކުރެއްވިއެވެ.
އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަގުރީރު ކުރައްވާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން އެ މަޖިލީހުގައި ތަގުރީރު ކުރެއްވީ 2019 ވަނަ އަހަރު އޮތް އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިފަހަރު ތަގުރީރުކުރެއްވީ ޢާންމު މަޖިލީހުގައި ގުއުމުތަކުގެ ލީޑަރުން ތަޤުރީރުކުރައްވާ ތަރުތީބުގެ 3 ވަނައަށެވެ.