ދަރިފުޅު ބުރަކަށި މައްޗަށް ލައިގެން ހިނގާފައި ހިޔާ ފްލެޓަށްދާ މަންމަގެ އާއިލާއަށް ޓެކްސީ ހަމަޖައްސާދީފިއެވެ.
މީގެ ދެދުވަސް ވަރު ކުރިން ވަނީ ހުޅުމާލެ ފޭސް ދެއެއްގެ މަގުމަތިން މަންމަ އަކު ސުކޫލް ކުއްޖަކު ބުރަކަށި މައްޗަށް ލައިގެން ގޮވައިގެން ދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. މި ވީޑިއޯ އާއްމުވުމާއި ގުޅިގެން މިއީ ކިހިނެތް ހިނގާ ކަމެއްތޯ ބެލުމަށް ގިނަ ބަޔަކު ވަނީ ބޭނުންވެފައެވެ.
ހިޔާ ފްލެޓްތައް ލިބުނު ފަރާތަކަށް ދިމާވާ އެކި ދަތިތަކަށް ހައްލު ހޯދައިދިނުމަށް އުފައްދާފައިވާ ޖަމިއްޔާ އާއްމުންގެ އެކިވެރި ގުޅުމުގެ ފަރާތުން މިވަނީ ހެޔޮ އެދޭ ފަރާތެއްގެ އެހީއާއެކު މި އާއިލާއަށް ކޮންމެ ދުވަހަކުވެސް ސުކޫލަށް ގެންގޮސްދިނުމުގެ އިންތިޒާމު ހަމަޖައްސާދީފައެވެ. އެޖަމިއްޔާއިން ބުނީ ފޭސް ދެއެއްގައި އެޗްޑީސީން ހަދަމުންދާ ބަސް ސްޓޭންޑްތައް ނިމި ބަހުގެ ދަތުރެއް ފެށުމާއި ހަމައަށް ޓެކްސީގެ ހިދުމަތް އެ އާއިލާއަށް ފޯރުކޮށްދޭނެ ކަމަށެވެ.
މާލީ ތަނަވަސްކަން ނެތުމާއެކު މިފަދަ އެކި ދަތިތަކުގައި ދިރިއުޅޭ އެތައް އާއިލާއެއް މިވަގުތުވެސް ހިޔާ ފްލެޓްގައި ދިރިއުޅެމުން އެބަދެއެވެ. ހަމައާއި ވާހަކަ ދެއްކި ބައެއް އާއްމުން ބުނެފައިވަނީ ފްލެޓްގެ ފިނިޝީންއަށް ބޮޑު ހަރަދެއް ކުރަންޖެހުމާއި ފޭސް ދެއަކުން އެހެން ތަންތަނަށް ޓެކްސީ ދަތުރުތައް ކުރަން އޮން އަގު ބޮޑުކަމުން ކޮންމެ ފަހަރަކު ޓެކްސީއަށް އަރައިގެން ދިއުމަކީ ވަރަށް ދަތި ކަމެއް ކަމަށެވެ.
ބޭނުން ޖެހިފައިވާ މިފަދަ ގިނަ އާއިލާތަކަކަށް އާއްމުންގެ އެކުވެރި ގުޅުމުގެ ފަރާތުން ދަނީ އެކިކަހަލަ އެހީތައް ފޯރުކޮށްދެމުން ކަން ފާހަގަކޮށްލެވެއެވެ.