ރައްޔިތުން ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާކަމެއްގެ ގޮތުގައި ފާހަގަކުރީ، ރަށުގައި އެކަށީގެންވާ ރައްކާތެރި ބަނދަރެއް ނެތުމުގެ ދަތިކަން ކަމަށް މަޑުއްވަރީ ކައުންސިލުން ރައީސް އަށް ދަންނަވައިފިއެވެ.
މިއަދު މުލަކަތޮޅު މަޑުއްވަރީ ކައުންސިލާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީގެ މުހިންމުކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކައުންސިލުން ވަނީ ބަނދަރާގުޅިގެން ރަށަށް ބިން އިތުރުކުރުމާއި ގިރަމުންދާ ސަރަހައްދުތައް ހިމާޔަތްކުރުމާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި ރަށުގެ އިޙްތިޞާސް ކަނޑައަޅާފައިވާ ގޮތަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އަދި ކައުންސިލުގެ އިންސާނީ ވަޞީލަތުގެ ދަތިކަންފަދަ ރަށާއި ރައްޔިތުންގެ ކުރިއެރުމަށް މުހިންމުކަންކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީ ކައުންސިލުން ފާހަގަކުރެއްވި ބަދަލުތައް ބަނދަރުގެ މަޝްރޫޢަށް ގެނައުމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ގޮތްތަކެއް ނިންމަވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކުގެ ދައުރު މިހާރު ފުޅާވެފައިވާކަން ފާހަގަކުރައްވައި ތަރައްޤީގެ ކަންކަމުގައި ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ސަރުކާރުން މަސައްކަތްކުރާނީ އެރަށެއްގެ ރައްޔިތުންނާއި ކައުންސިލާއި ގުޅިގެން އެ ފަރާތްތަކުގެ މަޝްވަރާއާއެކުކަން ފާހަގަކުރައްވައި ރަށުގެ ތަރައްޤީއަށް ކުރެވޭ އެފަދަ ކަންކަމުގައި ކައުންސިލުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.