ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ނަޝީދަށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.
މެއި ހައެއް ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އަށް ފަހު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ނަޝީދު ހުންނަވާތާ މިހާރު 4 މަސް ވަނީ ވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދުގެ މި ދަތުރުފުޅުގައި ރާއްޖޭގައި މަޑުކުރައްވާނީ ތިން ދުވަހަށެވެ.
ނަޝީދުގެ މިދަތުރުފުޅަކީ ބުދަ ދުވަހު ދުބާއީގައި ފެށި ވޯލްޑް އެކްސްޕޯގައި ބައިވެރިވުމަށް އެ ގައުމަށް ވަޑައިގަތުމަށް ފަހު ކުރެއްވި ދަތުރުފުޅެކެވެ.
ނަޝީދު ދުބާއީއަށް ވަޑައިގެންނެވުމުން، އޭނާ އަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް އިސް ވެރިން ވަނީ ނަޝީދާ ބައްދަލުކުރެއްވުމަށް ދުބާއީއަށް ވަޑައިގެންފައެވެ. މީގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފާއި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހޮޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހިމެނިވަޑައިގަންނަވައެވެ.