ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާ ވެސް އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފަސް މަހަށްވުރެ ގިނަ ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން މިއަދު ނަޝީދު ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވާފައެވެ. އެގޮތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުން ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމުގެ ވިސްނުން އަބަދުވެސް ގެންގުޅުއްވާ ކަމަށެވެ. އަދި މިހާރު ކަންކަން ވެފައި ހުރިގޮތުން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރައްވާނީ ރައީސް ސާލިހާއި ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ ކުރިން ނަޝީދު ވަނީ ބޮޑުވަޒީރުކަން ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާ ރައީސް ސާލިހަށް މެސެޖުވެސް ކުރައްވާފައެވެ. ނަމަވެސް ރައީސް ސާލިހުގެ އެންމެ އެކަށޭނެ ޖަވާބެއް މިކަމަށް ލިބިފައެއް ނުވެއެވެ. އަދި އެމްޑީޕީގައި އޮތް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން މިހާރު ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމުގެ ގޮތުން ޕެޓިޝަންއެއްގަިއ ސޮއިކުރަންވެސް ފަށާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ މި ޕެޓިޝަންގައި މިހާތަނަށް ސޮއިކޮށްފައެވެ.
ނަޝީދު މިއަދު ވިދާޅުވީ، ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ރައީސް ސާލިހާ މަޝްވަރާ ކުރެއްވުމަށްފަހު މީޑިއާއަށް އެކަން ހއިްސާ ކުރައްވާނެ ކަމަށެވެ.