ތައުލީމަށް ދަރިވަރުންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް މި ސަރުކާރުން ކުދިން ގެންގޮސްދޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަތީ ސާނަވީ ނިންމައި މަތީ ތަޢުލީމަށް ކުރިމަތިލާއިރު، އެ ފެށެނީ ގައުމު އާރާސްތުކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒުކުރަންވީ މަރުޙަލާކަމަށާއި، އެކުދިންގެ ކުރިމަގު ބައްޓަންކުރާނެ ދާއިރާއަކާ މެދު އެ ކުދިން ވިސްނާއިރު ސަރުކާރުން އޮތީ އެ ކުދިންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް އެ ކުދިން ގެންގޮސްދޭން ތައްޔާރަށްކަމަށެވެ.
އަދި ރާއްޖޭގައި ހުރެގެން ވިޔަސް އަދި ރާއްޖޭން ބޭރުން ވިޔަސް، އެކުއްޖަކު ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުޞަތު މިހާރު ހުޅުވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، އެކާވީސް ވަނަ ސައްތައިގެ ތަޢުލީމުގެ އަމާޒަކީ، އިގްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން މުޖްތަމަޢަށް އަންނަމުންދާ ހަލުވި ބަދަލުތަކާއި ކުރިއެރުންތަކަށް އިޖާބަދެވޭ ފަދަ ދަރިންތަކެއް އުފެއްދުންކަމުގައި ވިދާޅުވުމާއެކު، އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކާވީސް ވަނަ ސައްތައިގެ ތަޢުލީމު އަމާޒު ހިފާފައިވަނީ، އެ ކުދިންގެ ޙަޔާތުގައި މިހާތަނަށް ނުއުފަންނަ ވަޒީފާތަކަކަށް އެ ކުދިން ތައްޔާރުކޮށްދިނުމަށްކަމުގައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ޓެކްނޮލޮޖީގެ ޒަމާނުގައި ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫންކަމަށާއި، އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއްކަމުގައެވެ. އަދި، މުސާރައަކީ ވެސް ވަކި މިންވަރެއް ކަނޑައެޅިފައި އޮންނަ އެއްޗެއް ނޫންކަމަށާއި، އެއީ އެމީހެއްގެ އުފެއްދުންތެރިކަމަށް ބިނާކޮށް އޭނާ އަމިއްލައަށް ކަނޑައަޅާ އެއްޗެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، އެފަދަ މީހަކަށް ވެވޭނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީއާ ، އުފެއްދުންތައް ނެރެވޭ ފަދަ އީޖާދީ ވިސްނުންތައް ސިކުނޑީގައި އުފަންކުރުމުގެ ގާބިލްކަން ހޯދައިގެންކަމަށާއި، ކުދިން ގަދައަޅައި މަސައްކަތް ކުރަންވީ، ވަޒީފާތަކާއި މުސާރައިގެ ފުރުޞަތުތައް، ކުދިންގެ ފަހަތުން އަންނަ ފަދަ ބަޔަކަށް ވުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.