ސީލައިފުން ލަނޑުދިން މީހުންނަށް "ވިނަރެސް" އިން ފްލެޓް ގަތުމުގެ ފުރުސަތު އެޗްޑީސީންދީފިއެވެ.
2014 ވަނަ އަހަރު ސީލައިފާ އެކު އެޗްޑީސީން އެއްބަސްވެފައިވަނީ ތިން ހާސް ހައުސިންގ ޔުނިޓު އެޅުމަށެވެ. އެހެންނަމަވެސް އެޗްޑީސީއާއެކުވެފައިވާ އެއްބަސްވުމާއި ހިލާފަށް އޭރު ސީލައިފް ގްލޯބަލް އިން ވަނީ އެތައް ބައެއްގެ އަތުން ބުކިން ފީއާއި ޑައުންޕޭމަންޓު ނަގާފައެވެ. އަދި ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ބައެއް ފަރާތްތަކަށް އެޗްޑީސީން ވަނީ މިހާރު ފައިސާ އަނބުރާދީފައެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޗްޑީސީން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައިފައިވާ ފަރާތްތަކާ ދެމެދު ހަދާފައިވާ "ސެޓްލްމަންޓް އެގްރީމެންޓްގެ" 4.3 ވަނަ މާއްދާގެ ދަށުން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނަށް ލިޔުން ހުށަހަޅައި އެ ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ "ވިނަރެސް" ފްލެޓްގެ އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ދިނުމަށް ނިންމައިފައިވާތީ އެކަން އިއުލާންކުރާ ކަމަށެވެ.
އެގޮތުން ވިނަރެސްއިން ފްލެޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 3:30ގެ ކުރިން ރަޖިސްޓްރީ ވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.