ހެޔޮވެރިކަން ކުރިއަށް ގެންދިއުމަށާއި، ސިއްހީ އަދި ތައުލީމީ ދާއިރާ އިން މީހުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެކަމަށް އިންޑިއާގެ ކޮމްޕްޓްރޯލަރ އެންޑް އޮޑިޓަރ ޖެނަރަލް މރ. ގްރިޝް ޗަންދްރަ މުރްމު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އާއެކު ބޭއްވި ބައްދަލުވުމުގައި ގްރިޝް ވިދާޅުވީ ރާއްޖޭގެ ބައެއް އިދާރާތަކުގެ މީހުން ބިނާކުރުމަށް ނުވަތަ ތަމްރީނުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ތައްޔާރަށްއޮތްކަމަށެވެ.
މީގެ އިތުރުން އެކި ދާއިރާތަކުން އޯޑިޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުމަށްވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެގޮތުން ތިމާވެށީގެ ދާއިރާއިންނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އެބޭފުޅާ ފާހަގަކުރެއްވެވިއެވެ. އަދި އެބޭފުޅާ ވަނީ ގައުމުގައި ހުރި ވަޞީލަތްތައް އެންމެ ފުރިހަމައަށް ބޭނުން ކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުކޮށްލެއްވުމުގައި އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުގެ އޮޑިޓާއި ގުޅުންހުރި އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން އިންޑިއާގެ ކޮމްޕްޓްރޯލަރ އެންޑް އޮޑިޓަރ ޖެނަރަލް ފަދަ ތަޖުރިބާކާރު ބޭފުޅަކު ދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހުރިހާ ދާއިރާއަކުންވެސް އެހީތެރިކަން ފޯރުކޮށްދެއްވާކަމަށްޓަކައި އިންޑިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. މިގޮތުން އިންޑިއާ ސަރުކާރުން ޚާއްޞަގޮތެއްގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ވެދެއްވާ އެހީތެރިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.