އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާ ފްލައިޓް ޓްރޭނިންގް ސްކޫލް ހިންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ތަންދިނުމަށް ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުވެސް ބައިވެރިވެވަޑައިގަތެވެ. އައްޑޫސިޓީގައި އޮތް މި ރަސްމިއްޔާތުގައި ގައުމީ އެއަރލައިން އައިލެންޑް އޭވިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.
މިއެއްބަސްވުން ހަދާފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި އެއްބަސްވުމުގައިވާގޮތުން މިމަސައްކަތް ކުރުމަށް އައްޑޫ އެއަރޕޯޓްގައި ހުރި ހެނގަރާއި އޮފީސް އިމާރާތެއް ފްލައިޓް ޓްރެއިނިން ސްކޫލްގެ ބޭނުމަށް ކުއްޔަށް ހިފާނެއެވެ. އަދި ފްލައިޓް ސްކޫލްގެ ކިޔެވުން މިއަހަރުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މި ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މިމަހުގެ ތެރޭގައި މިހާރު ވެސް ފްލައިން ސުކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ރައީސް ސާލިހު ވިދާޅުވީ، ކިޔެވުން ހުއްޓިފައިވާ ދަރިވަރުންނަށް އަންނަ ޑިސެންބަރުމަހުގެ ތެރޭގައި އަލުން ކޯސް ކުރިޔަށް ގެންދެވޭނެ މަގު ސަރުކާރުން ފަހިކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމުގައި އެވެ. އޭރު ރައީސް ވިދާޅުވީ، މިކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ގުޅިގެން ޖޮއިންޓް ވެންޗަރ ކުންފުންޏެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށާއި، މި ޖޮއިންޓް ވެންޗަރ ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ފަލައިންގ ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމުގައެވެ.