ހިޔާ ފްލެޓްގެ ފިނިޝިން ނިންމަން ކޮންމެ އާއިލާއަކަށް އެއްލައްކަ ރުފިޔާ ދޭން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށައަޅުއްވައިފިއެވެ.
2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވަނީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށާއި އަދި ކުރިންވެސް ފްލެޓްތަކުން ނެގުމަށް ކަނޑައަޅާފައިވާ ކުލި އެތަނުން ނެގުމަށް ބަޖެޓުން ފައިސާ ހަމަޖައްސަން އެދިވަޑައިގެންފައެވެ.
ސަލީމް ވިދާޅުވީ، ހިޔާ ފްލެޓްތައް ނުނިންމާ ސަރުކާރުން ފްލެޓްތައް ހަވާލުކުރީ ރައްޔިތުންނަށް ޖެއްސުން ކުރަން ކަމަށެވެ.
އަދި ދައުލަތުގެ ބަޖެޓްގައި ހުރި ބޭކާރު ބޮޑެތި ހަރަދުތައް ކުޑަކޮށްގެން ވެސް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ބޭނުންވާ ރުފިޔާ ހަމަޖެއްސިދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ކުންފުނިތަކަށް ވަމުންދާ ގެއްލުންތައް ފޫބައްދަން ވެސް ދެބިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ހިމަނާފައި ކަމަށާއި ކުންފުނިތަކުގެ ދަރަނި ފޫބައްދަން ފައިސާ ދޭން ނުޖެހޭ ކަމަށެވެ.
މީގެ އިތުރުންވެސް ކުރިއަށް އޮތް ރަމަޟާން މަހު ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ހިނގައިދާނެ ކަމަށާއި 40 ފޫޓުގެ ކޮންޓެއިނާއެއް ހުރީ ނުވަހާސް ޑޮލަރަށް ކަމަށް ވާއިރު ބަޖެޓްގެ ދަރަނި ބޮޑުވާވަރަކަށް ޑޮލަރުގެ އަގު އަރައިގެން ދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.