މި ފަސްއަހަރަކީ އެންމެ ސާފުތާހިރު ފަސް އަހަރު ކަމަށް ވެގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ވާހަކަ ދައްކަން ފެށޭނީވެސް ގައިން ތާހިރުވެ ތިބެގެންކަމަށާއި ދިވެހިޖުމްހޫރިއްޔަތުގެ ތެރޭން، ފާއިތުމިވީ 3 އަހަރުގެ މައިގަނޑު އެއް އަމާޒަކީ، ހުރިހާ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެ މަސައްކަތް ހިންގުންކަމަށެވެ.
އެގޮތުން މި ވެރިކަމުގައި ބާކީ އޮތް ދެއަހަރާއެކު، ދިވެހިޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސްއަހަރު ކަމުގައި، މިފަސްއަހަރު ވެގެންދާނެކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ޖުމްހޫރީ ވެރިކަމެއްގައި އެންމެ ފުރަތަމަ ޙައްލުކުރަން ޖެހޭނީ ވެސް އަދި އެންމެ އިސްކަމެއްދޭންޖެހޭނީ ވެސް ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަންކަމަށް ކަމަށެވެ. އެގޮތުން އުފެއްދުންތެރި މީހުން ބިނާ ކުރުމަކީ، ވޭތުވެދިޔަ 3 އަހަރުގެ މައިގަނޑު މަޝްރޫޢުތަކުގެ، އެންމެ ވަރުގަދަ ބިންގާކަމަށާ، ތައުލީމާއި ތަމްރީނާއި ޞިއްޙަތަކީ ފުރިހަމަ ރައްޔިތަކު ބިނާކުރުމުގެ ނާރެސްކަމުގައި ވިދާޅުވިއެވެ.
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާކުރަންޖެހެނީ، މި ފަސް އަހަރަށްވީ ވަޢުދުތައް ފުއްދައި ނިންމުމަށް ކަމަށާއި 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅީ، އެ މިސްރާބަށް ވާސިލުވުމުގެ އަމާޒުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯވިޑް-19 އިން ގެއްލުނު ދިގު މުއްދަތަކީ، ބަހަނާއެއްގެ ގޮތުގައި ބެލޭކަށް ދެން ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތް މާބޮޑަށްވެސް އަވަސްކުރަން ޖެހޭ ކަމަށާއި އަންނަ އަހަރު ސަރުކާރުން އިސްކަންދޭނެ އަނެއްކަމަކީ ޚިދުމަތްތައް، އެކުވެނި، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުން ކަމަށާއި، ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް، އަންނަ އަހަރަށް ވަރަށްބޮޑު އިސްކަމެއްދީގެން ބަޖެޓް ކުރެވިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.