އެމްޑީޕީގެ އެކްޓިވިސްޓް ޝަތުފާއަށް ހެލްތް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުކަން ދީފިއެވެ.
މީގެ ކުރިން ޝަތުފާ ހުރީ މާލެ ސިޓީ ކައުންސިލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ މަގާމުގައެވެ. ސިޓީ ކައުންސިލް އަށް ޕީޕީއެމްގެ ކައުންސިލަރުންނާއި މޭޔަރު އިންތިހާބުވި ހިސާބުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. ރަސްމީ އެއްވެސް ފަރާތަކުން މިކަން ހާމަކޮށްފައި ނުވާ ނަމަވެސް ހެލްތް މިނިސްޓްރީގެ ވައިބަރ ގުރޫޕަށް މިއަދު ހަވީރު ޝަތުފާ ވަނީ އެޑްކޮށްފައެވެ.
އަދި ޝަތުފާ ވަނީ މީގެ ފަހުން މީޑިއާތަކުން ހެލްތް މިނިސްޓްރީ ގުޅުންހުރި އެއްވެސް ހަބަރެއް ލިޔާނަމަ ނުވަތަ ހެލްތް ދާއިރާގެ އެއްވެސް ހަބަރެއް ލިޔުނު ނަމަވެސް ހެލްތް މިނިސްޓްރީން ނޫސްވެރިންނަށް ކަންކަން ހިއްސާ ކުރުމަށް ހަދާފައިވާ ވައިބަރ ގުރޫޕަށް ހަބަރުގެ ލިންކް ލުމަށް އެދިފައެވެ.
ކައުންސިލް ބަދަލުވެގެން މިދިޔަ ދުވަސްތަކުގައި ރައީސުލްޖުމުހޫރިއްޔާ އަތޮޅު ތެރެއަށް ކުރެއްވި ބައެއް ދަތުރުފުޅުގައިވެސް ޝަތުފާ ވަނީ ބައިވެރިކޮށްފައެވެ. ޝަތުފާއަށް މުސާރައިގެ ގޮތުގައި ދޭ އަދަދެއް ހާމަނުކުރިނަމަވެސް އާއްމުގޮތެއްގައި ޑިރެކްޓަރަކަށް 20000 ރުފިޔާ އާއި ގާތްކުރާ އަދަދެއްގެ މުސާރައެއް އަންނަނީ ދެމުންނެވެ.