ބައްދަލުވުންތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގާތްގުޅުން ދަމަހައްޓައި ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް މަގުފަހިކޮށްދިނުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނެއްލައިދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ ވާހަކަފުޅުގައި، އެ ސަރަޙައްދުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރިޔަށް ގެންދާ ބޮޑެތި ބައެެއް މަ ޝްރޫޢުތަކުގެ މައްޗަށްވެސް އަލި އަޅުވާލެއް ވިއެވެ. އެގޮތުން ހާއްސަ ގޮތެއްގައި ކުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމާއި މިހާރު ފެށުމަށް މަސައްކަތް ކުރަމުންގެންދާ މި ސަރަޙައްދުގެ ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތަކީ މުޅިސަރަހަދުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަންތައްތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަރައްޤީއާ ރަށަށް ހެޔޮގޮތްތައް ހޯދުމަށް ވިސްނުން އަބަދުވެސް އިސްކުރެއްވުމަަށް މި ބައްދަލުކުރެއްވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
ނެއްލައިދޫ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދުމާއި ގުޅޭގޮތުންނާއި ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ކުރިއެރުމަށް މުހިންމުކަންކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ ސްކޫލާއި ޞިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އެތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިތައް ފާހަގަކުރައްވާފައެވެ. ޞިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އެ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް އިތުރު އިންސާނީ ވަޞީލަތްބޭނުންވާކަމާއި ޚިދުމަތުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އިތުރުކަންކަން ވެސް ފާހަގަކުރައްވާފައެވެ.