ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) ގެ އެހީގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ގާއިމުކުރި ދަރިމައިވުމުގެ ސިއްހަތާއި ގުޅޭ މަރުކަޒު " އުފަންވެނި ޞިއްޙަތު" އިފްތިތާހުކޮށްފިއެވެ.
މަރުކަޒު އިފްތިތާޙްކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަށް ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލަށް ގެނެވުނު ކުރިއެރުންތަކާއެކު މި ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުން ޚިދުމަތްތައް ހޯދި އަދަދު 3 ލައްކައާ ގާތްކުރާކަން ފާހަގަކުރެއްވިއެވެ. އަދި މި ކަންކަމުން
އެނގެނީ އެހޮސްޕިޓަލުގެ ޚިދުމަތްތަކަށް ރައްޔިތުން އިތުބާރުކުރާ މިންވަރުކަން ނައިބު ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި ޚިދުމަތްތަކަކީ
މީގެ އެތައް އަހަރެއްގެ ކުރިން ފެށިގެން ވެސް ބޭނުންވެފައިވާ ޚިދުމަތްތަކެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ބަލިވެގެންހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ މީހުން ނަށް އަޅާލުމާއި އޯގާތެރިކަމާއި ކުލުނާއެކީ ކަންތައްތައް ފަހިކޮށްދީ އެހީތެރިވެދިނުމަށް އެދިވަޑައިގެންނެވިއެވެ.
މިއަދު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އިފްތިތާޙްކުރި “އުފަންވެނި ޞިއްޙަތު"މަރުކަޒަކީ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި ޤާއިމުކުރި މިފަދަ ފުރަތަމަ މަރުކަޒެވެ.
މި މަރުކަޒުގެ ސަބަބުން ދަރިމައިވުމާ ގުޅޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ލިބިގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.