ގުރްއާނާބެހޭ މަރުކަޒު ފުޅާކޮށް، ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި ސަރުކާރުން އެހީތެރިވެދޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ،
މިހާރު އެންމެ މުހިންމު ކަމަކީ، ކީރިތި ގުރްއާނުގެ އިލްމުތައް ފެތުރުން ކަމަށާއި ގުރްއާނުގެ އިލްމީ ކަންޒުން ސިކުނޑިތައް މުއްސަނދިވެގެން ދާނީ، ކީރިތި ގުރްއާނުގެ އިލްމީ ދިރާސާތައް ކޮށްގެން ކަމަށެވެ. އަދި މި ޒަމާނުގެ އިލްމީ ހޯދުންތައްވެސް، ކީރިތި ގުރްއާނުގެ ޢިލްމީ ހަގީގަތްތަކުން އިތުރު ފުރިހަމަވެގެންދާނެކަން ޔަޤީން ކުރައްވާ ކަމަށާއި އެހެންވީމާ، އެ މަރުކަޒުގެ ދައުރު މާބޮޑަށް ފުޅާވާންޖެހޭ ކަމަށާއި ގުރްއާނާބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ އޭރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރަކީ، އިސްލާމީ ތަރުބަވީ އަހްލާގު ދަންނަ އެއްޗެއް ނޫން ކަމަށާއި އިސްލާމްދީނުން ފެންނަން އޮތީ، އިޖުތިމާޢީ ޢަދާލަތާއި ހަމަހަމަކަމާއި، މެދުމިނުގެ އެންމެ މަތިވެރި އުޞޫލުތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބައިބައިވުމާއި ވަކިވަކިވުމެއް ނޫން ކަމަށާއި އިސްލާމީ އަހްލާގު ދަޢުވަތު ދެނީ، އޯގާތެރިކަމާއި ލޯތްބާއެކު އެކުވެރިވެ، އެއްބައެއްގެ ގޮތުގައި އުޅުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.