މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ސިޔާސީ ވިސްނުމަށް، ނުވަތަ ދީނަށް ބަލައި އެމީހަކަށް އަނިޔާއެއް ދިނުން ނުވަތަ އެމީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލުން އެއި ވެސް ކުށުގެ ގޮތުގައި ބަޔާންކުރާ ބިލް ރައީސުލްޖުމުހޫރިއްޔާ ތަސްދީގު ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ބިލަކީ ނޮވެންބަރު 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލުގައި ގާނޫނުލްއުގޫބާތު ގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް ހިމަނާފައިވެއެވެ.
މި މާއްދާގައި ކުށުގެ ގޮތުގައި ބެލެވޭނެކަންކަން ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން އަހްލުއްސުންނަތި ވަލް ޖަމާއަތުގެ މުއުތަބަރު ރައުޔަކާ ހިލާފުނުވާގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް، އާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ހިމެނެއެވެ.
ހަމަ އެހެހެންމެ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުންވެސް ކުށުގެ ގޮތުގައި ހިމަނާފައި ވެއެވެ. އަދި މިއިން އަމަލެއް ހިންގުމާއެކު މީހަކަށް އަނިޔާއެއް ދިނުން ނުވަތަ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ވެސް އެއީ ކުށެއް ކުރުން ކަމުގައި ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް އެކި ކަންކަމާމެދު ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް މި މާއްދާ ހުރަސްނާޅާކަމުގައި ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި މާއްދާގައި، ކުށް ދަރަޖަ ކުރާގޮތްތަކާއި މާނަ ކުރުންތައް ހިމަނާފައިވެއެވެ.
ދެން މިބިލުގައި އިސްލާޙު ހުށަހަޅާފައި ވަނީ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރުކުރުމަށެވެ. އެގޮތުން (ހ) ގެ 5 ވަނަ ނަމްބަރުގައި ވަނީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން، މާތް ﷲ އަށް ނުވަތަ ކީރިތި ގުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުން އެއީ ކުށެއް ކަމުގައި ކަނޑައަޅާފައެވެ.
ހަމަ އެހެންމެ (ހ) ގެ 6ވަނަ ނަމްބަރުގައި ވަނީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް ﷲ އާމެދު ނުވަތަ ކީރިތި ގުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މަޢުލޫމާތު ފެތުރުން ނުވަތަ އެފަދަ ޢަމަލެއް ކުރުމުގައި ބައިވެރިވުން ކުށެއްކަމުގައި ކަނޑައަޅާފައެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.