ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު އަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ، މިމަހުގެ 16 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ ކައުންސިލުތަކުން މި ގާނޫނުއި ގުޅުންހުރި ބައެއް ޚިދުމަތް ފޯރުކޮށްދިނުންމާއި ގުޅޭގޮތުންނެވެ. އެގޮތުން މި ގެނައި އިސްލާހުގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.
އަދި މި މާއްދާގެ (ހ) ގެ ދަށުން އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އުޞޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރުމަށް ކަނޑައަޅުއްވާފައިވެއެވެ. ހަމަ އެއާއެކު މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޚިދުމަތްތަކާ ގުޅިގެން މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަޞީލަތްތަކާއި އެހީތެރިކަން ކައުންސިލުތަކަށް ފޯރުކޮށްދޭންވާނެކަމަށާއި، އަދި ކައުންސިލުތަކަށް ފައިސާއާއި ވަޞީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް މި މާއްދާގެ (ށ) ގައިވާ ޤަވާއިދުގައި ބަޔާންކުރުމަށްވެސް މި ޤާނޫނުގައި ކަނޑައަޅުއްވާފައިވެއެވެ. މީގެ އިތުރުންވެސް މި އިޞްލާޙުގެ ސަބަބުން އައި ބަދަލުތައް މި ގާނޫނުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
މި ގާނޫނަށް ގެނައި އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިޞްލާޙުކުރަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައިވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.