ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސަރޗް ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް، މިއަދު ބައްދަލުކުރައްވައި އެ ދިރާސާގެ މަސައްކަތްކުރިޔަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުލީމީ ދާއިރާއިން ކުރިޔަށްގެންދާ މި ދިރާސާގެ މުހިންމުކަން ފާހަގަކުރައްވައި މިއީ ތަޢުލީމީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެ އެ ދާއިރާއަށް މީހުން ޝައުޤުވެރިކަން ކުޑަވާ ސަބަބުތައް ހޯދުމަށް މުހިންމު ދިރާސާއެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިކަމަކީ ސްކޫލްތަކުގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށާއި ޓީޗަރުންގެ ޤާބިލުކަން އިތުރުކުރުމަށާއި ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ކުރާ މަސައްކަތަށާއި އަދި ސްކޫލްތަކުގެ ތެރެއަށް ވަންނަމުންދާ ސްކޫލްގެ މާހައުލާ ނުގުޅޭ ފިކުރުތަކާއި ކަންކަމަށް ފިޔަވަޅުތައް އެޅުމަށް ވެސް އެހީތެރިވެދޭނެ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ މި ގުރޫޕުން ފުރިހަމަ ދިރާސާއެއް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތް ކަމުގައި ވިދާޅުވެފައެވެ.
ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ހަ ބޭފުޅުންގެ މައްޗަށް އެކުލެވޭ މި ގުރޫޕުގައި ތަޢުލީމީ ދާއިރާއާ ގުޅޭ އެކި ރޮނގުތަކުގެ ޚާއްޞަ ތަޖުރިބާކާރު ބޭފުޅުން ހިމެނެއެވެ. މި ގުރޫޕުން ކުރިޔަށްގެންދާ މި ދިރާސާގެ ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވަމުން މިހާރު ދިރާސާގެ ޕްރޮޕޯސަލް އެޕްރޫވްކޮށް މަޢުލޫމާތާއި ޑޭޓާ އެއްކުރުމުގެ މަސައްކަތް ފަށާފައިވާކަން މި ގުރޫޕުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އެގޮތުން ދިރާސާގެ ސާމްޕަލް ކަނޑައަޅައި ފޯކަސް ގުރޫޕްތަކުގެ އިންޓަވިއުތައް މިހާރު ކުރިޔަށްގެންދާކަމަށާއި އަދި ޓީޗަރުންގެ ސާރވޭ ކަރުދާސްތައް ފޮނުވަން ތައްޔާރުވަމުންދާކަމުގައި ވެސް ރިސާޗް ގުރޫޕުން ފާހަގަކުރެއްވިއެވެ.