ޕަބްލިކް ސާރވިސް މީޑިއާގެ ބޯޑް މެމްބަރު މިދުހަތު އަލީ އާއި ބައްދަލުކުރައްވާ ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އިންޒާރު ދެއްވި މައްސަލެއް ފެންމަތިވެއްޖެއެވެ.
މިދުހަތު އަލީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ޕީއެސްއެމް ބޯޑުން އޭނާ ވަކިކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ އަށް ފެނިވަޑައިގަންވާކަން ބަޔާންކުރައްވާ އެކަން ޕްރައިވެޓައިޒޭޝަން ބޯޑަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އަންގާފައިވާތީ ބޯޑުން ވަކިކޮށްފައިވާކަން އޭނާ އަށް އަންގާފައިވާ ކަމަށެވެ. އަދި މީގެ ދެހަފުތާ ކުރިން އަލީ ޒާހިރު ބައްދަލު ކުރެއްވި ކަމަށާއި ބިގަށް ފައިސާ ދިނުމަށް ޕީއެސްއެމް ބޯޑުގައި ނެންގެވި ވޯޓުގައި ވޯޓު ދެއްވީ ބިގާ ދެކޮޅަށް ކަން އެއްސެވި ކަމަށާއި އަދި ޖަވާބުގައި އާއެކޭ ބުނި ކަމަށެވެ.
މީގެ އިތުރުން އެއީ ކީއްވެތީ އަލީ ޒާހިރު އެއްސެވުމުން އެއީ އެހާ ގިނަ އަދަދެއްގެ ފައިސާ ބިގަށް ދައްކަން ޖެހޭ ކަމަށް އޭނާ އަށް ގަބޫލު ނުކުރެވޭތީ ކަމަށް ބުނި ކަމަށްވެސް މިދުހަތު ބުނެފައިވެއެވެ. އަދި ނޮވެމްބަރު ތިންވަނަ ދުވަހު ޕީއެސްއެމްގެ މަސައްކަތްތަކާއި ގުޅިގެން ނުރުހުންވެ ހިޔާލު ފުޅާ ކުރެއްވިންތޯ ވެސް އަލީ ޒާހިރު އެއެއްސެވުމުން ޖަވާބުގައި އާއެކޭ ވިދާޅުވި ކަމަށެވެ.
އަދި އޭގެ ފަހުން ބައްދަލުވުން ނިންމާލުމުގެ ކުރިން ރައީސް ސޯލިހުގެ އިސްނެންގެވުމަށް އިމާރާތް ކުރަން ހަމަޖެހިފައިވާ 15 ބުރީގެ އިމާރާތުގައި އަވަސް ނިންމުންތަކެއް ނިންމަން އެބަޖެހޭ ކަމަށް ވިދާޅުވެ އިމާރާތުގެ މަސައްކަތް ހަލުވި ކުރުމަށް ބޯޑަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ސަރުކާރުން އެކަންވެސް ކުރާނެ އަދި އެބަދަލު އިމާރާތާ ލާ ޖެހިގެންދާ ބަދަލަކަށްވެސް ވެގެން ހިނގާދާނެ ކަމަށް އަލީ ޒާހިރު ވިދާޅުވި ކަމަށް މިދުހަތު ބުނެފައިވެއެވެ.