ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކޮމިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، ކޮމިޓީގެ ކުރިމަގަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު އޮޅުންފިލުވައިފައެވެ. މި ބައްދަލުވުމުގައި ކޮމިޓީ މެންބަރުން ވަނީ މާލޭ ސިޓީގެ ކުރިމަގަށް ރާވާފައިވާ ކަންކަން ކުރުމަށްޓަކައި ދިމާވެފައިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިއީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު މުހިންމު އިޞްލާޙުތަކާއިއެކު ކައުންސިލްތަކާއި ކޮމިޓީތައް ބާރުވެރިވުމަށްފަހު އަލަށް އިންތިޚާބުކުރެވުނު މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު މުހިންމު އިޞްލާޙުތަކާއިއެކު އިދާރީ ދާއިރާތަކަށް ބޮޑެތި ބާރުތަކަކާއި އިޚްތިޔާރުތައް ލިބިގެންގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި ބޭނުންވާ އޮފީސް އިމާރާތެއް ނެތުމުގެ މައްސަލަ ފާހަގަކުރައްވާފައެވެ. އަދި ކޮމިޓީގެ ވަކިވަކި މެންބަރުން ވަނީ އެކަނބަލުން ތަމްސީލުކުރާ ދާއިރާތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި މާލޭ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ކުނީގެ މައްސަލައިގެ އިތުރުންވެސް މާލެއާއި ވަކިން އޮންނަ މި ސިޓީގެ ދެ އަވަށްކަމުގައިވާ ވިލިމާލެއާއި ހުޅުމާލޭގައި ހުރި ވަކިވަކި އިޖްތިމާއީ މައްސަލަތަކުގެ މައްޗަށް ވަރަށް ފުޅާދާއިރާއެއްގައި ވާހަކަދައްކަވާ، އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމަށް އަލިއަޅުވާލައްވާފައެވެ.