ކޮތަރު ކޮށި ޖަލްސާ ބޭއްވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ދީފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސޮއިކުރައްވާ ފޮއްނާފައިވާ ސިޓީގައި ބުނެފައިވަނީ ޕީޕީއެމުން އިންތިޒާމުކޮށްގެން މިމަހުގެ 10 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ސަރަހައްދުގައި އެ ޕާޓީން އެދިފައިވާ ގޮތަށް ބޭއްވުމަށް ކައުންސިލްގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.
ނަމަވެސް އެޗްޑީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު އެ ކޯޕަރޭޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން މިކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއް ކަމުގައެވެ.
ނަމަވެސް މީޑިއާގައި ދައުރުވަމުންދާ ހަބަރުގައި ޕީޕީއެމް، ޕީއެންސީގެ ފަރާތުން ބޭއްވުމަށް ރާވަަމުންދާ ހަރަކާތަކީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހަުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ. ނަމަވެސް މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެޗްޑީސީއަށް ހުށަހަޅައިގެން އެހެން ފަރާތްތަކުންވެސް އަމަލު ކުރާ އުސޫލުގެ ތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެއެވެ.