ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން އަށް މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ރަޖިސްޓްރީ ބާތިލްކޮށް ހުޅުމާލެ ފޭސް އެކެއް އާއި ފޭސް ދެއެއް ބާރުގެ ދަށަށް ގެންދިއުމުން އެޗްޑީސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދެއެއް ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެންދިއުމަކީ ނާތަހުޒީބު އަމަލެއް ކަމަށާއި، މިކަމުން އެ ކޯޕަރޭޝަނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ކުރިއަށްގެންދިޔަ ހަތަރު ވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރަން ހުށަހެޅީ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝެެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ބިމަކީ އެ އެޗްޑީސީގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ އަދި އެ ކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއް ކަަމަށެވެ. އަދި އެ ކޯޕަރޭޝަނަކީ ގާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިދީފައިވާ ވަކި ޝައްސެއް ކަަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ގާނޫނުގެ އަސާސިގެ ދަށުންވެސް އަމިއްލަ މުދަލަކީ ގާނޫނު ހުއްދަނުކުރާ ގޮތަކަށް ނިގުޅައިގަނެގެން ވާނެ އެއްޗެއް ނޫން ކަމަށާއި ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވައި އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް ފަރުދެއްގެ މުދަލެއް އެފަރާތުގެ ރުހުންނެތި ނެގުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ހައްގެއް ނިގުޅައިގަތުން ކަމަށެވެ. އަދި ހުޅުމާލޭގެ ވިމުގެ މިލްކްވެރިކަމާއި އެ މިލްކްވެރިކަމާއި ގުޅިގެން އެ ކޯޕަރޭޝަނަށް ލިބިފައިވާ އެންމެހައި ހައްގުތަށް އެ ކޯޕަރޭޝަނަށް ލިބެންވީ ހިނދު ދިވެހިރާއްޖޭގެ ގާނޫނު ތަކާއި ހިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.