އާ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ ގޮއިދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ގޮއިދޫ ކައުންސިލްގެ މެމްބަރުން މިއަދު ވަނީ ރައީސުލްޖުމުހޫރިއްޔާ އާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލަރުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފައެވެ.
އެގޮތުން، ބަނދަރާއި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުގެ ފަރާތުންވަނީ ވަރަށް ތަފްޞީލުކޮށް ފާހަގަކުރައްވާފައެވެ. އަދި ރަށުގައި އެކަށީގެންވާ އެމްބިއުލާންސެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، އާ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލުން ފާހަގަކުރެއްވެވިއެވެ. އަދި ރައްޔިތުންނަށް ރަށުގައި މަދިރި ގިނަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލުންވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ޒުވާނުންގެ 70 އިންސައްތައަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތައްކަމަށްވާތީ ރަށާ ކައިރިން ރިސޯޓެއް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޢިމާރާތްކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮއިދޫ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތަކާއި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވާ އެކަންކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.