ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވައިލުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިއްކި ބިމުން 60 ސްލޮޓެއް ވިއްކަން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހޯމަ ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ބީޗް ފްރަންޓުންނާއި ބީޗް ސައިޑުން ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހު ހުޅުވައިލާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
"މި ސިޔާސަތު ބަދަލު ކުރުމަށް ސަރުކާރަށް ގޮވައިލަން" ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ ރައީސް، ނަޝީދު ވިދާޅުވި އެވެ.
ހުޅުމާލެއިން ބިން ވިއްކުމުގެ ވާހަކަ ސަރުކާރުން މީގެ ކުރިން ދެއްކުމުން މާލެ ސިޓީ ކައުންސިލުންވެސް އެކަމާއި ކަންބޮޑުވުން ފާޅުކުރި އެވެ. އެގޮތުން މާލެ ސަރަހައްދުގައި އެތައް ބަޔަކު ދިރިއުޅޭއިރު، އަދި ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް ގޯތީގެ ދަތިކަން ދިމާވެފައިވާއިރު މުއްސަނދިންނަށް ހުޅުމާލެއިން ބިން ވިއްކުމަކީ އެދެވިގެންވާކަމެއް ނޫންކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ހޯމަ ދުވަހު އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ ހުޅުމާލެއިން ވިއްކަނީ 1600 އަކަފޫޓާއި 2600 އަކަފުޓާއި ދެމެދުގެ ފަސްދޮޅަސް ބިންކަމަށެވެ. އެއީ ބީޗް ފްރަންޓު 26 ބިމާއި ބީޗް ސައިޑް 34 ބިމެވެ. އެޗްޑީސީން ބުނީ ބީޗް ފްރަންޓުން އަކަ ފޫޓަކަށް 3900 ރުފިޔާއަށް ބިން ވިއްކާއިރު، ބީޗް ސައިޑުން ވިއްކުމަށް ހަމަޖެހިފައި ވަނީ އަކަ ފޫޓަކަށް 3500 ގެ މަގުން ކަމަށެވެ. އެއަގަށް ޖީއެސްޓީ ހަ އިންސައްތަ އިތުރުވާނެކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
މިއަގުތަކުން ބިން ވިއްކާނަމަ ބީޗް ސައިޑުން ގަންނަ ބިމަކަށް އެންމެ ކުޑަވެގެން 5.6 މިލިއަން ރުފިޔާ އަރާނެ އެވެ. އަދި ބީޗް ފްރަންޓުން އެންމެ ކުޑަކޮށްވެސް ބިމެއް ލިބޭނީ 6.2 މިލިއަން ރުފިޔާއަށެވެ. މިއަގުތަކަކީ ކުޑަ އާމްދަނީއެއް ލިބޭ ފަރާތްތަކަށް އެކަށީގެންވާ އަގެއް ނޫނެވެ.
މާލެ ސަރަހައްދުގައި ދެލައްކައެއްހާ މީހުން ދިރިއުޅޭއިރު ގިނަ މީހުން ދިރިއުޅެނީ ކުދި ކުދި ތަންތަންކޮޅުގަ އެވެ. މާލޭގެ ރަށްވެހިންނަށްވެސް ބޯހިޔާވަހިކަމުގެ ދަތިކަމާއި ކުރިމަތިލާންޖެހިފައިވާއިރު ގެދޮރުގެ ކުލިވެސް މިސަރަހައްދުގައި ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ.